ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓަޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާ އިން ސަސްޕެންޑުކޮށްފި އެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝާންއަކީ އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހެއްކަން ވަނީ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގު ރިޕޯޓުން ހާމަވެފަ އެވެ. އެކަން ހާމަވި އިރު އޭނާ މަސައްކަތް ކުރަމުން ދަނީ ޖީއެމްއައިޒެޑްއެލްގެ ތިލަފުށީ ޖެޓީ ސުޕަވައިޒަރެއްގެ ގޮތުގަ އެވެ.
އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަ ދައްކަވަމުން ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) ވިދާޅުވީ ޝާން ގޭގައި މަޑު ކުރަން އަންގާފައިވާ ކަމަށާއި ސަސްޕެންޝަން ސިޓީ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
"ރިޕޯޓު ހާމަވި ފަހުން މިއަދު މި ސަރުކާރު ހުޅުވުނީ. ވީއެންމެ އަވަހަކަށް އަޅުގަނޑުމެން ވާނީ ސަސްޕެންޝަން ލެޓާ ހަވާލުކޮށްފައި،" އިބޫ ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެ ހުކުމް އައިސްފައި ވަނީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށެވެ. ހުމާމްއާއެކު ޝާން ވެސް ބައިވެރިވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ދައުވާ ކުރި އެވެ. އެހެން ނަމަވެސް މައްސަަލަ ސާބިތު ނުވެ 2016 ވަނަ އަހަރު އޭނާ މިނިވަންވި އެވެ.