ހަބަރު

އަފްރާޝީމް މަރުގެ ރިޕޯޓު ސަރުކާރުން އާންމުކޮށްފި

Nov 17, 2019

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓު ސަރުކާރުން މިއަދު އާންމުކޮށްފި އެވެ.

އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ހުލާސާއެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއްވައިފަ އެވެ.

ރައީސް އޮފީހުން ދާދި ދެންމެއަކު އެ އޮފީހުގެ ވެބްސައިޓުގައި ވަނީ 121 ސަފުހާގެ ރިޕޯޓު އާންމުކޮށްފަ އެވެ.

ސަރުކާރުން އަފްރާޝީމްގެ މަރުގެ ރިޕޯޓު ހާމަ ކުރި އިރު އެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާއަށް ފޮނުވުމުން އޭގެ ބައިތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފަ އެވެ. އެހެންކަމުން އެ ރިޕޯޓު ލީކުވި މައްސަލަ މަރުގެ ކޮމިޝަން އިން ވަނީ ތަހުގީގު ވެސް ކުރަން ފަށައިފަ އެވެ.

ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.

މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ މަރު ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.