ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ތިދިން އަނިޔާއަކީ ވެރިކަން ނިމުމުގެ ބިންގަލަށްވެސް ވެދާނެ: ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާތީ އެއީ ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ނުހައްގުން ކަތިލި "ކަންބަޅި" އަކީ އޭނާތޯ ސުވާލު ކުރައްވާފަ އެވެ. ޝަހީމު ވިދާޅުވީ އޭނާގެ އަބުރު ކަތިލަން ކުރި މަސައްކަތަކީ މި ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން މީހަކަށް ދިން އެންމެ ބޮޑު އަނިޔާ ގޮތުގައިވެސް ޝަހީމް ވަނީ ސިފަ ކުރައްވާފަ އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި 'ކަންބަޅި ބަކަރި' އަކީ އަޅުގަނޑުތޯ އެވެ؟ އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިންމުމުގެ ބިންގަލަށް ވެސް ވެދާނެ އެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާއެވެ!" ޝަހީމްގެ ޓްވީޓެއްގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމްގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި 'ކަންބަޅި ބަކަރި' އަކީ އަޅުގަނޑުތޯ؟ އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިންމުމުގެ ބިންގަލަށްވެސް ވެދާނެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާ
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓްގެ ހުލާސާއެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވައިފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވި ހުލާސާގައި ޝަހީމްގެ ވާހަކައިގެ ބަޔަށް ވަރަށް ބޮޑަށް ބާރުލައްވާ ވާހަކަފުޅު ދައްކަވައި ތަކުރާރުކޮށް އެ ވާހަކަތައް ވިދާޅުވެފައި ވެއެވެ.

އެ ގޮތުން ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް އޮތް ކަމަށް އެ ރިޕޯޓްގައި ބުނެ އެވެ. އަދި ޝަހީމް އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.

ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް އަފްރާޝީމް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އެކަމަކު ޝަހީމާއި އެ މީހާ އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓްގެ ހުލާސާ ހާމަ ކުރައްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

އެ ކަމާ ގުޅިގެން ޝަހީމް މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަނިޔާވެރި އަމަލުތަކުން ބަރީއަވެގެންވާ ކަމަށެވެ. އަދި ޓީވީ ޕްރޮގްރާމާބެހޭ ގޮތުން އޭނާ ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތު ކަމަށެވެ. އަދި މިހާރު މަސައްކަތްތައް އެ ކުރެވެނީ ހަގީގީ ގާތިލުން ފޮރުވުމަށް ކަމަށެވެ.

"ޑރ. އަފްރާޝިމް މަރާއި މައުސޫމް މީހުނާ ގުޅުވަން ކުރާ މަސައްކަތްތަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް. އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާ ކަން ﷲ ދެނެވޮޑިގެންވާނެ. ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް އަޅުގަނޑު ދީފައި ވާނީ ތެދު މައުލޫމާތު." ޝަހީމް ވިދާޅުވި އެވެ.