އުމަރު ނަސީރު

ނަޝީދު މަސައްކަތް ކުރެއްވީ ޝަހީމް ބަދުނާމް ކުރަން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މެދު މަރާ ގުޅުންހުރި އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިއަދު ވިދާޅުވީ އަފްރަޝީމް އަވަހާރަކޮށްލުމާއި ގުޅޭގޮތުން މަރު ކޮމިޝަނުން ނެރުނު 121 ސޮފްހާގެ ރިޕޯޓް އެއްކޮށް ކިޔާފައިވާ ކަމަށާ އެ ރިޕޯޓްގެ އެއްވެސް ބައެއްގައި ޝަހީމްއާ މެދު މަރާ ގުޅުންހުރި ތުހުމަތުތަކެއް ކޮށްފަނުވާ ކަމަށެވެ.

"ހަމަ އެކަނި ތުހުމަތަކީ ދޮގު މައުލޫމާތެއް ދެއްވި ކަމުގެ ތުހުމަތު. އެ މައުލޫމާތަކީ ދޮގެއް ކަމަށް ވިޔަސް، ތެދެއް ކަމަށް ވިޔަސް އެ ކަމަކީ މި މަރަށް [އަފްރަޝީމްގެ މަރަށް] އެއްވެސް އަސަރެއް ކޮށްފާނެ ކަމެއް ނޫންކަން ރިޕޯޓުން އެނގޭ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓް އެއްކޮށް ކިޔާލުމުން އޭރުގެ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޝަހީމް އަމަލުކޮށްފައިވަނީ އިލްމުވެރިންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތައް ނައްތާލާ، ހުރިހާ އިލްމުވެރިން އެކުވެރި ކުރުމަށްކަން އެނގިގެންދާ ކަމަށެވެ.

"މިއީ އެމަނިކުފާނަށް ޝުކުރު އަދާކުރުން ހައްގު މަސައްކަތެއް."

އުމަރު ވިދާޅުވީ ރިޕޯޓުން އެކަން އެހާ ސާފުކޮށް އެނގެން އޮއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މުޅި ރިޕޯޓްގެ 121 ސަފްހާ އެއްކޮށް ވިދާޅުވުމެއްނެތި ޝަހީމް ބަދުނާމުކުރުމަށް ވާހަކަދައްކާފައިވާތީ ހިތާމަ ކުރާ ކަމަށެވެ.

"އެއްވެސް ރިޕޯޓަކާމެދު އެއްވެސް ވާހަކައެއް، އެއްވެސް ބޭފުޅަކު ވިދާޅުވުމުގެ ކުރިން މުޅި ރިޕޯޓް ކިޔުއްވާ، ދިރާސާ ކުރައްވާފަ މެނުއީ އެފަދަ ވާހަކަ ދެއްކުމަކީ އެއްވެސް ބޭފުޅަކު ކުރައްވައިގެންވާނެ ކަމެއް ނޫން." އުމަރު ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓްގެ ހުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ތަޅުމަށް އިއްވައިފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވި ހުލާސާގައި ޝަހީމްގެ ވާހަކައިގެ ބަޔަށް ވަރަށް ބޮޑަށް ބާރުލައްވާ ވާހަކަފުޅު ދައްކަވައި ތަކުރާރުކޮށް އެ ވާހަކަތައް ވިދާޅުވެފައި ވެއެވެ.

އެ ގޮތުން ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް އޮތް ކަމަށް އެ ރިޕޯޓްގައި ބުނެ އެވެ. އަދި ޝަހީމް އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.

ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް އަފްރާޝީމް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އެކަމަކު ޝަހީމާއި އެ މީހާ އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓްގެ ހުލާސާ ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝަހީމަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އަދި މީހަކު މެރުމަށް ހިތްވަރު ދިނުން ފަދަ އެއްވެސް އަމަލެއް ޝަހީމް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ އިލްމުވެރިން ވިދާޅުވިއެވެ.