ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ މަރު ކޮމިޝަނުން އިތުރަށް ދިރާސާކޮށް އަސްލާ ހަމައަށް ދާން އިންސާފުވެރި ތަހުގީގެއް ހިންގަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މި ކަމަށް ގޮވާލާފައިވަނީ އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މަރު ކޮމިޝަންގެ ރިޕޯޓުގައި ޝަހީމްގެ އަބުރުކަތިލުމަށް ދޮގު ވާހަކަތަކެއް ހިމަނާފައިވާ ކަމަށާ އަފްރާޝީމްގެ މަރުގައި ޝަހީމްގެ އަތެއްވާ ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"... ޝަހީމަކީ އެފަދަ އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަން މި ކޯލިޝަނުން ގަބޫލު ކުރަމެވެ. އެމަނިކުފާނަކީ ދީނީ އިލްމު އުނގެނިވަޑައިގެން ހުންނެވި، މާތް އަޚުލާގެއްގެ ވެރި، ހެޔޮލަފާ، ރަނގަޅު އިލްމުވެރިއެކެވެ،"
އިދިކޮޅު ކޯލިޝަނުން ވަނީ ޝަހީމްގެ އަބުރުކަތިލުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ވެސް ބުނެފައެވެ. އަދި ޝަހީމާ ގުޅޭގޮތުން ދެކެވެނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަ ކުރަން ނުހައްގުން ކަތިލި "ކަންބަޅި" އަކީ އޭނާތޯ ސުވާލު ކުރައްވާފައި ވެއެވެ. އަދި ވިދާޅުވީ އޭނާގެ އަބުރު ކަތިލަން ކުރި މަސައްކަތަކީ މި ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން މީހަކަށް ދިން އެންމެ ބޮޑު އަނިޔާ ގޮތުގައިވެސް ޝަހީމް ވަނީ ސިފަ ކުރައްވާފައި ވެއެވެ.
"އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި 'ކަންބަޅި ބަކަރި' އަކީ އަޅުގަނޑުތޯ އެވެ؟ އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިންމުމުގެ ބިންގަލަށް ވެސް ވެދާނެ އެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާއެވެ!" ޝަހީމްގެ ޓްވީޓެއްގައި ވެއެވެ.