އަފްރާޝީމް ރިޕޯޓް

ކޮމިޝަންގެ ރިޕޯޓްގެ ސައްހަކަން ބަލަން، ކޮމިޓީން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ އެ ކަން ބަލަން އެދި އިދިކޮޅު މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތައް މަޖިލީހުގެ 241 ކޮމިޓީގައި މިރޭ ފާހެއް ނުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އަަފްރާޝީމްގެ މަރުގެ ރިޕޯޓާ ގުޅޭ ގޮތުން އެ ކޮމިޓީން އެކުލަވާލައި ފާސްކުރި ރިޕޯޓްގައިވާ ރެކޮމެންޑޭޝަންތަކަށް އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށެވެ. އެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ކުރިޔަށް ގެންދިޔައީ މީޑިއާއަށް ސިއްރުންނެވެ.

އެކަމަކު މިރޭގެ ބައްދަލުވުމުގައި ކޮމިޓީން ފާސްކުރި ރެކޮމެންޑޭޝަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭ ގޮތެއް ނުވި އެވެ. އެއީ މަރު ކޮމިޝަންގެ ރިޕޯޓްގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އަޑުގަދަކޮށް ޒުވާބު ކުރައްވަން ފެއްޓެވުމުންނެވެ. ކޮމިޓީގައި ނުހިމެނޭ އިދިކޮޅު މެންބަރުން ވެސް ކޮމިޓީ ރޫމަށް ވަޑައިގެން އަޑުގަދަ ކުރެއްވި އެވެ.

އިދިކޮޅު މެންބަރުންގެ އިހްތިޖާޖާ ގުޅިގެން ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް އަޑު ގަދަ ކުރެއްވި އެވެ. ބަހުސް ހޫނުވެ، މެންބަރުންގެ މެދުގައި އަރާރުން ބޮޑުވުމުން އޭރު ރިޔާސަތުގައި އިންނެވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒަަށް ވެސް ޖެހިވަޑައިގެންނެވުނީ މެންބަރުން ހަމައަކަށް އަޅުވަން މަސައްކަތް ކުރައްވާށެވެ.

އިރުތަކެއް ވަންދެން ކޮމިޓީގައި މެންބަރުން ޒުވާބު ކުރެއްވުމަށްފަހު، ކޮމިޓީ ކުރިއަށް ގެންދެވުނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މުހައްމަދު ސައީދު ކޮމިޓީ ރޫމުން ނުކުމެވަޑައިގަތުމުންނެވެ. ކޮމިޓީގައި ހިމެނި ވަޑައި ނުގަންނަވާ އެ ދެ މެންބަރުން ކޮމިޓީ ރޫމް ދޫކުރައްވައި ވަޑައިގަތީ، އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަޑައިގެން ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

ފަހުން ކޮމެޓީ ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް ރެކޮމެންޑޭޝަންތަކާ މެދު މަޝްވަރާއެއް ނުކުރެވުނެވެ. ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހުށަހެޅުއްވީ ފުރަތަމަ މަރު ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް އޭގެ ސައްހަ ކަން ކޮމިޓީން ބެލުމަށެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެއަށް ތާއީދު ކުރެއްވި އެވެ.

އެކަމަކު ކޮމިޓީގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން އެކަމާ ދެކޮޅެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ސަބް ކޮމިޓީގެ މަސައްކަތް ނިންމައި މައި ކޮމިޓީގައި މަޝްވަރާ ކުރައްވައި ފާސްކޮށް ނިމުމުން ދެން ރިޕޯޓާ މެދު ސުވާލު އުފައްދައި ކޮމިޝަން ހާޒިރު ކުރުމުގެ ބޭޭނުމެއް ނެތް ކަމަށެވެ.

އިދިކޮޅު މެންބަރުންނަށް ފާޑުވިދާޅުވަމުން އީވާ އިތުރަށް ވިދާޅުވީ މީގެ ކުރިން ބޭއްވި ކޮމިޓީގެ ސިއްރު ބައްދަލުވުންތަކުގައި ކޮމިޝަންގެ ރިޕޯޓާ މެދު ސުވާލު ނުއުފައްދަވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޓީގެ ރިޕޯޓް ފާސްކުރުމުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައި މިއަދު ހުޅުވާލެވިފައިވާ ކޮމިޓީގައި އެހެން ގޮތަކަށް އަމަލު ކުރެއްވުމުން އެ ކުރައްވަނީ "ހަމަޖެހޭ" ކަމެއް ނޫން ކަމަށެވެ.

ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ މަރު ކޮމިޝަންގެ ރިޕޯޓްގެ ސައްހަކަން ބަލަން އެ ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ސުވާލު ނުކުރުމަށެވެ. ކޮމިޓީގައި އޭރު އިދިކޮޅު މެންބަރުންގެ ގޮތުގައި ތިއްބެވީ ވެސް ޣައްސާން އާއި އާދަމް ޝަރީފް އެވެ. މެންބަރު ހުސައިން ރިޔާސަތުގައި އިންނެވުމުން ވޯޓުގައި ބައިވެރިއެއް ނުވެވޭނެ އެވެ.