ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަޖިލީހުގެ 241 ކޮމިޓީން ބަލަން ނިންމި ހަތް ނުކުތާ ދިރާސާ ކުރުމަށް ނެގި ސަބް ކޮމިޓީގެ މަސައްކަތުގައި އިދިކޮޅު މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި މަސައްކަތް ނިންމީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހްގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓާ ގުޅިގެން ހަތް ކަމެއް ސާފު ކުރުމަށް މަޖިލީހުގެ 241 ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގި އެވެ.
ހަސަން ލަތީފްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހިމެނޭ ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެ ކޮމިޓީން އެކުލަވާލި މައި ކޮމިޓީއަށް ހުށަހަޅައި މައި ކޮމިޓީގެ ރިޕޯޓް އިއްޔެ ފާސްކުރި އެވެ.
އެކަމަކު އާދަމް ޝަރީފް އާއި ހުސައިން ވިދާޅުވަނީ ސަބް ކޮމިޓީން ރިޕޯޓް އެކުލަވާލީ އެ މީހުންގެ ބައިވެރިވުމެއް ނެތި ކަމަށެވެ. އެއީ ހަސަން ލަތީފް އެކަނި އިންނަވާ ނިންމެވި ރިޕޯޓެއް ކަމަށް މީޑިއާގައި އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ސަލަމާތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ހަސަން ލަތީފް އެ ކަން ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަބް ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔައީ ދެ މެންބަރުންގެ ވެސް ބައިވެރިވުން އޮވެގެން ކަމަށާއި އެ ކަން ޔަހްމިއްޔާތަކާއި ހާޒިރީތަކުން އެނގޭނެ ކަމަށެވެ. ބައްދަލުވުން ކުރިއަށް ދިޔަ ގޮތް އޭނާ ތަފުސީލް ކޮށްދެއްވި އެވެ.
"ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރާއި އަޅުގަނޑާ، ތިން މެންބަރުންގެ ކޮމިޓީއެއްވީމަ ދެ މެންބަރުން ހަމަވުމުން އެ ކޮމިޓީ ބޭއްވޭ، ދެވަނަ ބައްދަލުވުމުގައި ހާޒިރީއަކީ އަނެއްކާ ވެސް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި އަޅުގަނޑާ، ބައްދަލުވުމުގައި ފުލްކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު ބައިވެރިވި، ދެން އޮތީ ފަހު ބައްދަލުވުން، އެ ބައްދަލުވުމަށް ވަޑައިގަތީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ދެ މީހުން ތިބެގެން އަކުރުން އަކުރަށް އަޅުގަނޑު ދެންނެވިން، އެ ކަމަށް އެއްބަސްވުމުން ރިޕޯޓް ފައިނަލް ކުރީ، ދެން އެއްޗެއް ވިދާޅުނުވެ މެންބަރު ވަޑައިގަތީ ވެސް،" އޭނާ ތަފްސީލް ކޮށްދެއްވި އެވެ.
ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ވިދާޅުވަމުން ހަސަން ވިދާޅުވީ އެ ކަން ކުރީ އިތުރު އިދާރީ މުވައްޒަފުންތަކަކާއެކު މައި ކޮމިޓީން ދިރާސާ ކުރުމަށް ކަނޑައެޅި ހަތް ނުކުތާގެ ތެރެއިން ފަސް ނުކުތާގައި ހިމެނޭ މީހުންގެ ނަންތައް ލިސްޓު ކުރުމަށް އެ މުވައްޒަފުންނަށް ހަވާލުކޮށްގެން ކަމަށެވެ.
އިދާރީ މުވައްޒަފުންގެ މަސައްކަތް ނިމި އިދާރީ ރިޕޯޓް އެކުލަވާލުމުން އެ ރިޕޯޓްގައި ހިމެނޭ ކަންކަން ބަލައި ފަހުން ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރީ އެވެ. މަޝްވަރާ ބައިވެރިވެވަޑައިގަތީ އޭނާއާއި އާދަމް ޝަރީފް ކަމަށެވެ. އެ ދުވަހަށް މަސައްކަތް ނިންމަން އަމާޒު ކުރި ނަމަވެސް ބައްދަލުވުން ނިންމާލީ މަސައްކަތް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވި އެވެ.
ދެން ބޭއްވި ބައްދަލުވުމުގައި މުޅި ރިޕޯޓްގައިވާ ކަންކަން ބަލައި މުޅި ރިޕޯޓް ފައިނަލްކޮށް ނިންމި އެވެ. އެއީ، ހަސަން ވިދާޅުވި ގޮތުގައި، މެންބަރު ހުސައިން ބައިވެރިވެ މައްސަލައެއް ނެތް ކަމަށް އޭނާ އެއްބަސްވެގެން ރިޕޯޓް ފައިނަލްކޮށް ނިންމި ރިޕޯޓެކެވެ. ގަވާއިދު ބުނާ ގޮތުން ކޮމިޓީގެ އެއްވެސް މެންބަރެއްގެ އިއުތިރާޒެއް ނެތްނަމަ އެ ހިސާބުން ރިޕޯޓް ފައިނަލް ކުރެވޭނެ އެވެ.
ކޮމިޓީއެއްގެ އެއްވެސް ރިޕޯޓަކީ ކޮމިޓީގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ ލިޔުމެއް ނޫން ކަމަށާއި ރިޕޯޓުތަކުގައި ސޮއިކުރައްވާނީ މުގައްރިރު ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"ސިއްރު ކޮމިޓީތަކަށް ފަހު މީޑިއާގައި މި ވިދާޅުވަނީ ބައިވެރިވުމެއް ނެތް ކަމަށް، އެހާ ބޮޑަށް އޮޅޭ ގޮތަށް މިއީ އަޅުގަނޑު އެކަނި މާއެކަނި އިނދެގެން ހެދި ރިޕޯޓެއް ކަމަށް ފަހުވުމާ ގޮތަށް ވިދާޅުވަނީ، ކޮމިޓީ ސިއްރު ކުރުމަށްފަހު މި ތަނުން ނުކުމެވަޑައިގަތުމަށްފަހު ސިޔާސީ ފައިދާއަކަށް އެހާ ބޮޑަށް އޮޅޭ ގޮތަށް ވާހަކަފުޅު ދައްކަވާ ކަމަށް ވަންޏާ އެއީ މައްސަލައެއް،" ހަސަން ވިދާޅުވި އެވެ.
ސަބް ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔައީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަމަށް އެ ކޮމިޓީގެ ރިޔަސަތާ ހަވާލުވެވަޑައިގެންނެވި ފަހުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ވެސް މިރޭގެ ކޮމިޓީގައި ފަހުން ވިދާޅުވި އެވެ. އޭނާއަކީ އެ ކޮމިޓީގެ ނައިބު މުގައްރިރެވެ. މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަޑައިގަތުމުން އޭނާ ރިޔާސަތު ބެލެހެއްޓެވީ އެވެ.
މެންބަރު ހުސައިން ފާހަގަ ކުރެއްވީ ސަބް ކޮމިޓީގެ މަސައްކަތަކީ ކޮމިޓީގެ މެންބަރުންގެ ކޯރަމް ހަވަގެން ކުރާ މަސައްކަތްތައް ނިންމައި މައި ކޮމިޓީއަށް ގެންނަ މަސައްކަތްތަކެއް ކަމަށެވެ. އެ ހިސާބުން ސަބް ކޮމިޓީގެ ދައުރު ނިމުނީ އެވެ. ދެން އޮންނާނީ މައި ކޮމިޓީގައި އެ ކަން ދިރާސާކޮށް ގޮތެއް ނިންމައި މައި ކޮމިޓީގެ ރިޕޯޓް ފައިނަލް ކުރުމެވެ. ވޯޓަށް އަހާ ފާސްކުރަނީ ވެސް މައި ކޮމިޓީން އެންމެ ފަހުން ފައިނަލް ކުރާ ރިޕޯޓެވެ.