ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތު ވުންތަކެއް އުޅޭކަމަށް ދެކިގެން، އިދިކޮޅުގެ ހުސްބުޅީގައި އެމްޑީޕީ ނުޖެހޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރުޕޫގެ ލީޑަރު އަލީ އާޒިމް ވިދާޅުވި ވިދާޅުވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ފާޑުވިދާޅު ވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމާއެކު، މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވަނީ އެމްޑީޕީގެ ފަރާތުން އެ މައްސަލައަށް ރައްދު ދެއްވައިފަ އެވެ.
މީގެ ކުރިން އެމްޑީޕީ ނޫން ކޯލިޝަނުގެ މިނިސްޓަރުންނަކީ "އަމާ ބުނީތީ ފަރަށްދާ" ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ގޮތުގައި ސިފަ ކުރައްވާފައިވާ އާޒިމް މިއަދު ވިދާޅުވީ އެމްޑީޕީން ކަމަކާ ކުރިމަތިލާއިރު އަބަދު ވެސް ހާއްސަ އެޖެންޑާއެއް ގެންގުޅޭ ކަމަށެވެ.
"ހިޔާލުތަފާތުވުންތަކެއް އޮންނަ ފަހަރު ހުސް ބުޅީގައި ނުގަންނާނެ. ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ،"
އާޒިމްގެ އެ ވާހަކަތައް ރައްދު ދެއްވާ އާދަމް ޝަރީފް ވިދާޅުވީ މިވަގުތު ހުސް ބުޅީގައި ނުގަތަސް ހުސްބުޅީގައި ގަންނާނެ ދުވަސް އޮތީ ކުރިއަށް ކަމަށެވެ. އަދި މިހާރު ވެސް އެން އަޅައިގެން ގަންނާނެ ކަމަށެވެ.
"އެން އަޅައިގެން ގަންނާނެކަން އެނގޭ. އެކަމަކު އެގޮތަށް ނުބާނާނަން. ހުސްބުޅީގައި ގަންނާނެ ދުވަސް އޮތީ ކުރިއަށް،"
އާދަމް ޝަރީފް ވަނީ ނަހަމަ ގޮތުގައި ސުޕަމެޖޯރިޓީގެ ބޭނުން ކުރުމުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
އިމްރާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ހުށައެޅީ 11 މެންބަރުންގެ ސޮޔާއެކުގައެވެ. އެ ގަރާރުގައި އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ ނުވަ މެންބަރުންގެ އިތުރުން ސޮއިކުރައްވާފައިވަނީ އެމްޑީޕީގެ ތުލުސްދޫ ދާއިރާގެ މެންބަރާއި ވިލާމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމެވެ.