ހަބަރު

ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު އަދީބު ޔާމީނަށް: "މިޝަން އެކޮމްޕްލިޝް"

ރާއްޖެ ޓީވީގައި ރޯކޮށްލި ދުވަހު "މިޝަން އެކޮމްޕްލިޝް" ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައީސް އަބްދުﷲ ޔާމީނަށް މެސެޖު ކުރެއްވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ޑރ. އަފްރާޝިމް އަލީގެ މަރުގެ ތަހުގީގަށް ދެއްވި ބަޔާނުން ހާމަވެއްޖެ އެވެ.

އަފްރާޝީމް މަަރުގެ މައްސަލާގެ ރިޕޯޓު ސަރުކާރުން އާންމުކޮށްފައިވާ އިރު އެ ތަހުގީގަށް ބަޔާން ދެއްވަމުން ނާޒިމް ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގައި ރޯކޮށްލި ދުވަހު ރައީސް ޔާމީން ގޭގައި ތާސް ކުޅުއްވަން އިންނަވަނިކޮށް ފޯނަށް މެސެޖެއް އައި ކަމަށެވެ. އަދި އައިނު ނާޅުއްވައި އެ މެސެޖު ރައީސް ޔާމީންއަށް ނުކިޔޭނެތީ ނާޒިމް އަތަށް އެ މެސެޖު ކިޔަން ފޯނު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މެސެޖު ކުރެއްވީ އަދީބު ކަމަށާއި މެސެޖުގައި އޮތީ މިޝަން އެކޮމްޕްލިޝް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"...މިއީ ކޮންކަމަކަށް ބުނި އެއްޗެއް ކަމެއް އޭރު އަޅުގަނޑަކަށް ނޭނގެ، އެހެންނަމަވެސް، އެ ދުވަހު ރާއްޖޭޓީވީ ރޯކޮށްލައިގެން އުޅޭކަން އެނގުމުން، މި މެސެޖަކީ އެކަމާ ގުޅޭ މެސެޖެއްކަން ފަހުން އެނގުން،" ނާޒިމް ރިޔާސީ ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިފަދަ ކަންތައްތަކުގެ ވާހަކަ އަދީބު ރައީސް ޔާމީން ގާތުގައި ދައްކަވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ގޮތް ހެދުމަށް އެމަނިކުފާނު އިންނަވާ ކާރުކޮޅުގައި ބޮން ހަރުކޮށް ގޮއްވާލާ ވާހަކައެއް ވެސް އަދީބު ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު ކައިރީ ދެއްކެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލީ އޮކްޓޯބަރު 7، 2013 ގަ އެވެ. އެ ދުވަހު ފަތިހުގެ ވަގުތެއްގައި ދަގަނޑު ގޭޓު ހަލާކުކޮށްލައިގެން ރާއްޖެ ޓީވީ ތެރެއަށް ވަދެ ޕެޓްރޯލް ޖެހި ވީޑިއޯ ވެސް އާންމުވި އެވެ. އެ މައްސަލާގައި މީހަކު ވެސް ހައްޔަރުކޮށް ދައުވާ ވެސް ކުރި އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.