ރައްޔިތުންގެ މަޖިލިސް

ކޮސޯވޯގެ މިނިވަންކަން ބަލައިގަތް މައްސަލައާ ގުޅޭ ގަރާރެއް

ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމުމަތު ކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކަން ހިނގައި ގޮސްފައި ވާގޮތް ބަލައި ކަށަވަރު ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށައަޅަން ނިންމައިފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު މުހައްމަދު ނަޝީދު ހުށައަޅުއްވާ މި ގަރާރު މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި ފެބްރުއަރީ 17، 2008 ގައި އެ ގައުމުން އަމިއްލައަށް އިއުލާންކުރި ހިސާބުން ފެށިގެން މިއަދާއި ހަމައަށް އައިއިރު އެކަމަކީ އޭގެ ގާނޫނީ ސައްހަ ކަމާމެދު ބައިނަލްއަގްވާމީ މުޖުތަމައުގައި ބަހުސް ކުރަމުން އަންނަ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ އަވަށްޓެރި ދެގައުމު ކަމުގައިވާ އިންޑިއާ އާއި ސްރީލަންކާއިން ވެސް ކޮސޯވޯގެ މިނިވަންކަން ބަލައިގަނެފައި ނުވާ ކަމަށާ އިގްތިސޯދީ ގޮތުން ރާއްޖޭގެ އެންމެ ޒަމާންވީ އެއް ބައިވެރިޔާ ކަމުގައިވާ ޗައިނާއިން ވެސް ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ނުވާ ކަމަށެވެ.

މި މައްސަލައަކީ އދ. ގައިވެސް ބަހުސް ކުރަމުންދާ އެހެން ނަމަވެސް ވަކި ގޮތަކަށް ނިމިފައިވާ މައްސަލައަކަށް ނުވެފައި، ދުސްތޫރީ ގޮތުންނާއި ސަލާމަތީ ކަންކަމުގައި ކޮސޯވޯ ސަރަހައްދު ހިންގުމާއި ރަސްމީކޮށް މިވަގުތު ހަވާލުވެ އޮތީ އދ. އާއި ޔޫރަޕުގެ އިއްތިހާދާއި ނޭޓޯ ކަމަށްވާއިރު، ބައިނަލް އަގްވާމީ މުޖުތަމައުގައި މިހާ ސީރިއަސް މައްސަލައެއްގައި ދިވެހި ރާއްޖޭގެ ފަރާތުން ކުއްލި ގޮތަކަށް ނިންމި މި ނިންމުމަކީ އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ފަރާތް އިސްވެ ހުންނަވައި ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމުމެއް ކަމުގެ ތުހުމަތަކީ ސީރިއަސް ތުހުމަތެއް ކަމުގައި ގަބޫލުކުރެވޭތީ އަދި މި ތުހުމަތަށް ބާރު ލިއްބައިދޭ ވާހަކަތަކެއް އޮކްޓޫބަރު 3، 2019 ގައި ކޮސޯވޯގެ ނިޔު ކޮސޯވޯ އެލަޔަންގެ ލީޑަރު އަދި މިހާރުގެ ފޮރިން މިނިސްޓަރު ދައްކާފައިވާ ކަން އެނގެން އޮތް ކަމަށެވެ.

"... މި ވާހަކަތަކުގައި ބައިނަލް އަގްވާމީ މުޖުތަމައުގެ ފަރާތުން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަށްޓަކައި އެފަރާތުގެ އަމިއްލަ ޖީބުން ޚަރަދުކޮށްފައިވާނޭ ކަން ބަޔާންކޮށްފައި އޮތް އޮތުމާއި ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ބަލައިގަތުމުގައި ބައިނަލްއަގްވާމީ ގާނޫނީ މިންގަނޑުތައް ކަމުގައިވާ ސާބިއާގެ ސަރަހައްދީ ސިޔާދަތު ނުވަތަ ޓެރިޓޯރިއަލް އިންޓެގްރިޓީ އާއި ސާބިޔާގެ ގާނޫނު އަސާސީ އަށާއި އަދި ސާބިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ ބައިނަލް އަގްވާމީ އުސޫލުތަކާއި މިފަދަ އެންމެހައި ކަންކަމަށް ރިއާޔަތް ކޮށްފައިވާކަން އެނގެން ނެތްއިރު އަދި ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސާބިއާގެ އިސްފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަން އެނގެން ނެތްއިރު، ދިވެހިރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރާއި އަދި އިސް އޮފިޝަލުންތަކެއް ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާނަމަ އެކަމުގެ ތެދު ހަގީގަތް ކަށަވަރުކޮށް އެނގުމަކީ މި މަޖިލީހުގެ އެންމެހައި މެންބަރުންގެ ސަމާލުކަމަށް ގެންނަންޖެހޭ، އަދި ދިވެހި އެންމެހައި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއްކަމަށް ފެނެ އެވެ."

ގަރާރުގައި އިތުރަށް ބުނެފައިވަނީ ކޮސޯވޯގެ މިނިވަންކަން ދިވެހި ރާއްޖޭގެ ފަރާތުން ގަބޫލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ބޭރުގެ ބައެއް ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ކަމުގެ ތުހުމަތު ކުރެވޭތީވެ، މާރިޗު 5، 2009 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާފައިވީ ނަމަވެސް އެ މައްސަލައި ތަހުގީގު މުޅީން ފުރިހަމަކޮށް، ސާފު ސީދާ ނިންމުމެއް ނުވަތަ ފިޔަވަޅެއް އަޅާފައިވާކަން މިހާތަނަށް އެނގިފައި ނުވާކަން ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

އެހެން ކަމުން މިފަދަ ނޭދެވޭ އަމަލުތަކާއިމެދު އިތުރަށް ފާރަވެރިވެވިދާނޭ ގޮތްތައް ބަލައި އެފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަކީ މުހިންމު ކަމެއްކަމަށްވާތީ ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ބަލައި ގަތުމާއިމެދު މި ސަރުކާރުން، ބައިނަލް އަގްވާމީ އެންމެހައި ގާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތް ކޮން ކޮސޯވޯ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި އޮންނަ އޮތުން އަލުން މުރާޖައާކުރުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.