ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ފިންލޭންޑެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ސްކޫލް އެޑިއުކޭޝަން ސިސްޓަމް ކުރިއަށް ގެންދަނީ ފިންލޭންޑްގަ އެވެ. އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހި ހާރިޖީ ކަންކަމަށް ނުފޫޒު ނުފޯރުވައި ދުނިޔޭގެ ލޯބި ފިންލޭންޑަށް ލިބުމަކީ ގައުމެއްގެ ހަޔާތުގައި ހޯދުނު ބޮޑެތި ކާމިޔާބުތަކެވެ.
ނަމަވެސް ހިތްގައިމު ގައުމަށް ދުނިޔޭގެ ފުޓްބޯޅައިން އިހައްދުވަހާއި ހަމައަށް އޮތީ ޖާގަ ނުލިބި އެވެ. ތައުލީމީ ދަނޑުގައި ފިންލޭންޑްގެ ސިސްޓަމް އެހެން ގައުމުތަކުން ނަކަލް ކުރިޔަސް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޝާމިލުވާ ކުޅިވަރުގައި ފިންލޭންޑަށް އެއްވެސް ހައިބަތެއް އޮތީ ނުލިބި އެވެ. ސީއެންއެން އިން އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ 1907 ވަނަ އަހަރު ފުޓްބޯޅަ ފެޑްރޭޝަން އުފައްދައި ދުނިޔޭގެ ފުޓްބޯޅައިގެ ޗާޓުން މަގާމެއް ހޯދުމަށް އެތައް ފަހަރަކު މަސައްކަތް ކޮށްގެންވެސް ކާމިޔާބު ނުވި ކަމަށެވެ.
މަސައްކަތް ކުރި، ފެއިލް، އަދިވެސް މަސައްކަތް ކުރި، އަނެއްކާވެސް ފެއިލް ވީ، ޔޫރޯއަށްވެސް ވޯލްޑް ކަޕަށްވެސް މަސައްކަތް ކުރީ، ތަކުރާރުކޮށް ފެއިލްވީ، އެހެންނަމަވެސް މާޔޫސްުވުމެއް ނެތި ކުރި މަސައްކތުގެ ނަތީޖާ ލިބުނީ މިއަދު އެވެ.
"މިއީ މުޅި ގައުމަށް އާދަޔާ ހިލާފް ހުވަފެނެއް،" ޔޫރޯ 2020 އަށް ކޮލިފައި ވުމަށް ފަހު ފިންލޭންޑްގެ ކޯޗް މާކޫ ކެނާވާ ބުންޏެވެ. "މިއީ އާދަޔާ ހިލާފް ދަތުރެއް، އެތަށް އަހަރުތަކެއްގެ ހުވަފެނެއް ފުޓްބޯޅައިގެ މި ޖީލުން ހާސިލު ކޮށްދިނީ."
ފިންލޭންޑްގެ އެންމެ ކާމިޔާބު ކުޅިވަރަކީ އައިސް ހޮކީ އާއި މޮޓޯ ސްޕޯޓްސް އެވެ. ފިންލޭންޑްގެ ފުޓްބޯޅަ އޮތީ ފިނިވެ ގަނޑުވެފަ އެވެ. ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި މިވަގުތު އޮތް ގައުމަށް ލިބުނު ކާމިޔާބު ގައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް އޮތީ ނިންމާފަ އެވެ.
ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އިނގިރޭސި ޕްރިމިއާ ލީގްގެ ނޯވިޗް ސިޓީގެ ޓީމޫ ޕޫކީ ޖެހި ދެ ލަނޑާއެކު ލިކްޓެންސްޓައިން ގެ މެޗަށް ހޯދި މޮޅަށް ފަހު ފިންލޭންޑް ސަޕޯޓަރުން ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ދަނޑުމައްޗަށް އަރައިގެން ގޮތުންވެސް މުޅި ސަޕޯޓަރުން އެކަމަށް އެދިއެދި ތިބި މިންވަރު ހާމަ ވެގެން ދިޔަ އެވެ.
"ޕްރެޝާވެސް އޮތް ސަޕޯޓަރުންގެ އުންމީދުތައްވެސް ހުރީ ވަރަށް މަތީގައި،" ކެނާވާ ބުންޏެވެ. "އެހުރިހާ ކަމަކާވެސް ކުޅުންތެރިން ކުރިމަތިލީ ވަރަށް ރަނގަޅަށް، އަހަރެން ވަރަށް ފަހްރުވެރިވަން."
މެޗުގެ ފަހު ކަށިގަނޑާއެކު ފިންލޭންޑްގެ ބޮޑު ވަޒީރު އަންޓި ރިންނޭ ކެރެއްވި ޓްވީޓްގައިވެސް ވަނީ ޖޯޝުން ފުރިގެންވާ އިބާރާތް ކޮޅެކެވެ. ތިން ފަހަރެއްގެ މަތިން ފިންލޭންޑްގެ ނަން ބޭނުންކޮށްފައިވާ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ އެންމެ ފަހުން ކާމިޔާބު އަތު ޖެހިއްޖެ ކަމަށެވެ.