ހަބަރު

ދިވެހި ރިސޯޓް ކޮންސެޕްޓް އިންޑިއާއިން ތަޖުރިބާކުރަނީ

Nov 18, 2019
4

ރާއްޖޭގެ ރިސޯޓުތަކުގައި އެންމެ އަގު ބޮޑުކޮށް ވިއްކާ މޫދު ކޮޓަރި ނުވަތަ ވޯޓާ ވިލާގެ ކޮންސެޕްޓް އިންޑިއާއިން އެ ގައުމުގައި ތަޖުރިބާކުރަން ނިންމައިފި އެވެ. އިންޑިއާއިން ބުނަނީ ރާއްޖޭގެ ރިސޯޓުތަކުގެ ކޮންސްޕެކްޓާ އެއްގޮތަށް މޫދު ކޮޓަރި އަޅާނީ ލަކްޝަދީބާއި އަންޑަމަންގައި ކަމަށެވެ.

ލަކްޝަދީބާއި އަންޑަމަން އަކީ އިންޑިއާގެ ޖަޒީރާ ރަށްތަކެވެ. މި ރަށްތަކުގައި ޓޫރިޒަމް ފުޅާކުރަން 200 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓުމެންޓެއް ކުރާނެ އެވެ. މި އިންވެސްޓުމެންޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ޓޫރިޒަމުގެ ވައްޓަފާޅިއާ އެއްގޮތަށް އިންޑިއާގެ ޖަޒީރާ ހިސާބުތަކުގައި ޓޫރިޒަމް ތަރައްގީ ކުރާށެވެ.

މި ޕްރެޖެކްޓުގެ ދަށުން، އަންޑަމަން އާއި ލަކްޝަދީބުގެ ރަށްތަކުގައި، އެއާޕޯޓާއި، ފްލޯޓިން ޖެޓީތަކުގެ އިތުރުން ހެލިޕޭޑް ވެސް ގާއިމްކުރާނެ އެވެ. މީގެ ތެރެއިން ފްލޯޓިން ފާލަން ވެސް ތަރައްގީ ކުރާނީ ރާއްޖޭގެ ރިސޯޓުގައި ވެސް ފާލަން ހުންނަ ގޮތަށެވެ.

އިންޑިއާ ސަރުކާރުން މަސައްކަތް ކުރަނީ މިއަހަރު ނިމުމުގެ ކުރިން މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށެވެ. އެގޮތުން މިހާރުވެސް ޕްރްޖެކެޓް ކުރިއަށް ގެންދަން ނިންމާފައިވާ ސަރަހައްދުތަކުގެ އީއައިއޭ ރިޕޯޓް ހަދައި ވަނީ ނިންމާފަ އެވެ. މިއީ އިންޑިއާގެ ޖަޒީރާ ހިސާބު ޓޫރިޒަމަށް ހުޅުވާލުމުގެ ބޭނުމުގައި އެގައުމުން ފަށާފައިވާ މަސައްކަތެކެވެ.

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން މިހާރު ވެސް އިންޑިއާއަށް ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. ނަމަވެސް ފަތުރުވެރިން އިންޑިއާގައި ފައިސާ ހަރަދުކުރާ މިންވަރު ފާއިތުވި އަހަރުތަކުގައި މަދުވެ، ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާގެ އަދަދު ވަނީ ދަށްވެފަ އެވެ.

ރާއްޖޭގެ ރިސޯޓު ކޮންސެޕްޓް އެހެން ދެ ގައުމަކުން ވެސް ވަނީ ތަޖުރިބާ ކޮށްފަ އެވެ. އެއީ ޗައިނާ އާއި ދުބައީ އެވެ.