ކުރީގެ މަޖިލީހުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ ފަހަތުގައި ތިބީ ސިޔާސީ ބައެއް ކަމަށް ކުރިން ހާމަ ކުރީ ފުލުސް ތަހުގީގަށް އޭރު ލިބިފައި ހުރި މައުލޫމާތުތަކުގެ އަލީގައި ކަމަށް އޭރުގެ ފުލުސް ކޮމިޝަނަރު އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އަފްރަޝީމް އަވަހާރަކޮށްލިތާ ހަތް އަހަރު ފަހުން ރިޔާސީ ކޮމިޝަނުން އެ މަރު ތަހުގީގުކޮށް ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި އޮތީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި އޮތް ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށާ މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުވާ ޖަމާއަތުގެ މީހުން ކަމަށެވެ.
ރިޔާޒް މިއަދު ވިދާޅުވީ އަފްރަޝީމްގެ މަރާއި ގުޅޭގޮތުން ކުރިން ހާމަކުރި ހުރިހާ މައުލޫމާތަކީ ވެސް އޭރު ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކާއި، އެ މައްސަލައާއި ގުޅިގެން ހައްޔަރުުކުރި ހުސައިން ހުމާމު، ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ހާމަކޮށްފައިވާ މައުލޫމާތު ކަމަށެވެ.
ރިޔާޒް ވިދާޅުވީ އަފްރާޝީމްގެ މައްސަލައާ ގުޅިގެން ފުލުހުުންވެސް އަދި އޭނާ ދެއްކި ވާހަކަތައް މުއްދަތުގެ މަޖިލީހާއި، ޝަރީއަތުގެ މަޖިލީހުގައިވެސް ހުމާމް ހިއްސާ ކުރި ކަމަށެވެ. އޭނާ އޭރު ދެއްކި ވާހަކަތަކުގައި ސިޔާސީ އެތައް ބޭފުޅުންނެއްގެ ނަން ބޭނުން ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުވެސް އަދި ފުލުހުންވެސް އޭރު ހާމަކުރި ކޮންމެ މައުލޫމާތަކީ ތަހުގީގަށް ލިބިފައިވާ މައުލޫމާތު. އަދި ހުމާމް ދީފައިވާ ބަޔާންތަކާ އެކި ގޮތްގޮތުން ހޯދުނު މައުލޫމާތުތައް." ރިޔާޒް ވިދާޅުވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.
މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ މަރު ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އަދި ރައީސް ސޯލިހު ވަނީ މަޖިލީހާ ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލާއި ކައުންޓަ ޓެރަރިޒަމް ޔުނިޓާއި އޭޖީ އާއި ހިއްސާ ކުރައްވައިފަ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށެވެ. އޭނާއަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ގޮތުން، ހުމާމާއި އަޒްލިފްގެ އިތުރުން، ހ. ކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެމީހުން އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އަދި އެކި ފަހަރު މަތިން އަފްރާޝީމަށް ދުއްތުރާކޮށް ގޯނާ ކޮށްފައިވާކަން ފާހަގަކޮށްފައިވާއިރު، ބައެއް އިލްމުވެރިން އަފްރާޝީމަށް ނިސްބަތްކޮށް "ތައުބާވެއްޖެ ނަމަ ރަނގަޅު ވާނެ ކަމަށް" ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ޖިހާދީ ފިކުރުގެ އެ ޖަމާއަތުން އަފްރާޝީމާ މެދު ހިތް ހަމަ ނުޖެހުންއޮތީ، މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެން މީހާގެ އައުރައަކީ ކޮބައިކަމާމެދު އަފްރާޝީމް ހިޔާލުހުރި ގޮތުން ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ އިތުރުން އަފްރާޝީމްއާ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ ފަރާތްތައް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސަލަފް ޖަމާއަތް ފާހަގަކޮށްފައިވާއިރު، 2011 ގައި ޔޫޓިއުބްގައި އުފެއްދި "ހަބޭސް ޓީވީ" ގައި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އަދި އަޒްލީފްގެ ކަންކަން އެނގި ތިބި އޭނާ ކުރާ ކަންކަން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަމާއި އެއީ ސިޔާސީ ބަޔަކު ނިވަލުގައި ތިބޭ ކަމަށް ރިޕޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.