އަފްރާޝީމް ރިޕޯޓް

އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން ކޮމިޓީން ދިރާސާ ކުރަން ނިންމައިފި

Nov 18, 2019
4

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާއާ ގުޅުން ހުރި ގިނަ ކަންކަން ދިރާސާ ކުރަން ފާސްކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މަސައްކަތް ފަށައިފި އެވެ.

ދީނީ އިލްމުވެރިޔާ އަފްރާޝިމް ރަހުމު ކުޑަ ގޮތަކަށް މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓް ވަނީ ރަައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގެ ހުލާސާއެއް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް އާންމުކޮށްފައިވެ އެވެ.

ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ވަނީ އަފްރާޝީމްގެ މަރާ ގުޅުން ހުރި ހަތް މައްސަލައެއް ބެލުމަށް ކޮމިޓީއަށް ހުށަހަޅައިފަ އެވެ. އެ ކަންކަން ބެލުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމި އެވެ.

އެ ގޮތުން އެ ކަންކަން ބެލުމަށް ކަމާ ބެހޭ މުއައްސަސާތަކުން މައުލޫމާތު ހޯދައި ދިރާސާ ކުރުމަށް 241 ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. ސަބް ކޮމިޓީގައި ތިއްބަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ކޮމިޓީން ބަލަން ނިންމި ކަންކަން

  • ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ހަރަކާތްތައް ދެނެގަތުން
  • އަފްރާޝީމް މަރާލުމުގައި ފައިސާ ބަދަލުކޮށްފައިވާ މިންވަރާއި ގޮތްތައް ދެނެގަތުން
  • ހަރުކަށި ޖަމާއަތްތައް ލިސްޓްކޮށް އެ ޖަމާއަތްތަކާ ދެކޮޅަށް ގާނޫނުގައިވާ ފިޔަވަޅު އެޅުން
  • އަފްރާޝީމް މަރާލަން އުޅޭ ކަމުގެ މައުލޫމާތު ލިބި އެ ކަން ސިއްރުކޮށްފައިވާ މީހުން ދެނެގަތުން
  • އަފްރާޝީމް މަރާލިއިރު ފުލުހުން އެ ކަމުގައި އިހުމާލުވެފައިވޭތޯ ބެލުން
  • އަފްރާޝީމް މަރާލުމުގައި ބައިވެރިވި ކަމަށް ރިޕޯޓްގައިވާ މީހުން މިހާރު ކޮބައިތޯ ބެލުން
  • ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބާރުއަޅައި ފިޔަވަޅު އަޅާތޯ ބެލުން

އަފްރާޝީމްގެ މަރުގެ ރިޕޯޓްގައިވާ ގޮތުން އެ މަރަކީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ރާވައި ހިންގި އަމަލެކެވެ. އެ ކަމުގައި އިސްކޮށް ބައިވެރިވި ކަމަށް ރިޕޯޓްގައިވާ މީހުނަކީ އެ މައްސަލާގައި ދައުވާ ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމާއި ދައުވާ ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ.