ހަބަރު

އިސްލާމިކް މިނިސްޓްރީގެ ބޭނުމެއް ނެތް، ސަލަފް އުވާލަން ޖެހޭ: ޖާބިރު

ރާއްޖޭގައި އިސްލާމިކް މިނިސްޓްރީގެ ބޭނުމެއް ނެތް ކަމަށާއި ދީނީ ޖަމިއްޔާއެއްގެ ސަލަފް ވެސް ހިންގަން ފުރުސަތު ދޭން ނުޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޖަމިއްޔާތަކާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ ޖަމިއްޔާތައް ރެގިއުލޭޓް ކުރުމަށް ގާނޫނެއް މުހިންމު ވެފައިވާ ކަމަށެވެ. ޖަމިއްޔާތައް އޮޕަރޭޓް ކުރާ ކުރުން ރާއްޖޭގައި މިހާރު އޮތީ ބިރުވެރި ހާލަތެއްގައި ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އާންމުކޮށްފައިވާ ރިޕޯޓުން ހަރުކަށި ފިކުރުގެ ސެލްތަކެއްގެ ގޮތުގައި ރާއްޖޭގައި ޖަމިއްޔާތަކެއް ހިންގާކަން އެނގޭ ކަމަށެވެ. އެއީ ބިރުގަންނަ ކަމެއް ކަމަށެވެ. ޖާބިރުގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒު ކުރެއްވީ ޝެއިހުންތަކެއް އުފައްދައި ހިންގަމުންދާ ސަލަފް ޖަމިއްޔާއަށެވެ. ދެން އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީއަށް ވެސް ފާޑުވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ބުނެދޭން މިނިސްޓަރެއް ބޭނުން ނުވާ ކަމަށެވެ. މިހާރުން މިހާރަށް ކެބިނެޓުން އިސްލާމިކް މިނިސްޓަރު ބޭރު ކުރަން ޖެހޭ ކަމަށެވެ.

"ވަގުތުން ވަގުތަށް ސަލަފް އުވާލަންވީ، އިސްލާމިކް މިނިސްޓްރީ އުވާލަންވީ، އަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް ނުވާނެ ދީގެން، ސަލަފް ފަދަ ޖަމިއްޔާތައް ހިންގައިގެން ނުވާނެ، ޖަމިއްޔާތަކޭ ކިޔައިގެން އަލްގައިދީންނާއި ސަލަފީންނޭ ކިޔައިގެން ނުރައްކާތެރި ކަންކަން ހިންގާ ކަމުގެ ރިޕޯޓް އެބަހުރި،" ޖާބިރު ވިދާޅުވި އެވެ.

"ފާޑުފާޑު ވާހަކަ ދީނޭ ކިޔައިގެން ދަައްކާ ވާހަކަތައް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އޮންނާނެ މި ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމާއި ތިބޭނީ ސުންނީ މުސްލިމުންކަން، އޭގެން އެއްވެސް ޖަމާއަތަކާއި ނޫނީ މިނިސްޓްރީއަކާ އިސްލާމް ދީން ހަވާލުކޮށްފައެއް ނޯންނާނެ،"

ޖާބިރު ވިދާޅުވީ ސިޔާސީ ވާހަކަ ދައްކާނީ ސިޔާސީ މީހުން ކަމަށާއި ދީނީ ވާހަކަ ދައްކާނީ ދީނީ މީހުން ކަމަށެވެ. ސިޔާސީ ކޮށްގެން ދީނީ ވާހަކަތައް ދައްކައި އޭގެން ނާޖައިޒު ފައިދާ ނަގައިގެން މީހުން މަރައި ބިރުވެރިކަން އުފައްދައި ރާއްޖޭގައި ސަގާފަތް ބަދަލު ކުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެއީ ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ.

ޖާބިރު ވަނީ ހަރުކަށި ދީނީ ޖަމިއްޔާތައް އުވާލައި އެމީހުން ހައްޔަރު ކުރުމަށް ގޮވާލައްވާފަ އެވެ. އެމީހުން ނެތަސް ރާއްޖޭގައި އޮންނާނީ އިސްލާމް ދީންކަން ވެސް ފާހަގަ ކުރެއްވި އެވެ.

އިސްލާމް ދީނުގެ ކަންކަން ރާއްޖެއަށްވުރެ ރަނގަޅަށް އޮތް ގައުމެއް ނޯންނާނެ ކަމަށާއި އެހެންވީމަ ޖަމިއްޔާތައް ހަދައިގެން މިތަނުގައި ޓެރަރިޒަމް ހިންގުމަށް އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް ޖާބިރު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ރައިސުލްޖޫމްހޫރިއްޔާ ވެރިކަމުގައި ހުންނެވުމަށްޓަކައި ދީނީ ބަޔަކު ނެރޭހާ ފަތުވާއެއް އަޑުއަހާކަށް ނުޖެހޭ، މުޅި ގައިގަ ފޮތި އޮޅައިގެން ލޯ ވެސް ނުފެންނަ ގޮތަށް ހެދުން ލައިގެން އެއީ ޤުރުއާންގައި ކޮން ތާކު ލިޔެފަ އޮތް ވާހަކައެއްތޯ ބަލަން އަޅުގަނޑު ބޭނުން، ޤުރުއާންގައި ކަންކަން ވަރަށް ސާފު،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެހެން ބުންޏަސް އޭނާއާ ދިމާލަށް ލާދީނީއޭ ކިޔުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އޭނާއަކީ ބަރާބަރަށް ނަމާދު ކުރާ މީހެއް ކަމަށާއި ނަމާދުކޮށްފަ އެންމެންނަށް އެކަން އަންގަން ނުޖެހޭ ކަމަށެވެ. އެކަމުގެ ތެރެއަށް ސަލަފް ޖަމިއްޔާ އާއި އިސްލާމިކް މިނިސްޓްރީއިން ވަންނަން ނުޖެހޭ ކަމަށެވެ.

ޖާބިރުގެ އިތުރަށް އެހެން ބައެއް މެންބަރުން ވެސް ވަނީ ދީނީ ހަރުކަށި ފިކުރުތައް ފަތުރާ ޖަމިއްޔާތައް ރާއްޖޭގައި އޮޕަރޭޓް ކުރާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި އެ ޖަމިއްޔާތައް އުވާލުމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.