އެންދަމަން ފޭބި ދެ މަސްވެރިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ)ވެ އިތުރު ފަރުވާއަށް ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސްފި އެވެ.
ގދ. ގައްދޫ އަޒުމް ދޯނިން އެންދަމަން ފޭބި ދެ މަސްވެރިން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.
ނަމަވެސް، އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުންގެ ހާލު ބޮޑުވެ، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލޭއަށް ގެނެސް، އައިޖީއެމްއެޗަށް ގެންދެވިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ދެ މީހުން އިތުރު ފަރުވާއަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާ އަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެ ދެ މަސްވެރިންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް އައިޖީއެމްއެޗުންވެސް އަދި ބަނޑޮސް ރިސޯޓުން އަދި ހާމަކޮށްފައެއްނުވެ އެވެ.
ޑީކޯވުމުގެ ސަބަބުން އެތަށް ޒުވާނުންގެ ފުރާނަ ގެއްލި އަދި ބައެއް ޒުވާނުން އުމުރުދުވަހު ނުކުޅެދޭ މީހުންނަށްވެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ޗެމްބާ މހާޜު ގާއިމްކޮށްފައި ހުރީ ހަމައެކަނި ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. މީގެ ކުރިން އައްޑޫސިޓީ ޝަންގްރިއްލާ ރިސޯޓުގައި މީގެ ޗެމްބަރެއް ހުރި ނަމަވެސް މިވަގުތު އެޗެމްބަރު ހުރީ ހަލާކުވެފަ އެވެ.
ޑައިވިންއަށް ގޮސް އުޅޭއިރު މީހަކު ޑީކޯ ވެއްޖެނަމަ އޭނާއަށް އަވަސް ފަރުވާ ލިބޭނެ ވަސީލަތްތައް ގާއިމުކޮށްފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވާފަ އެވެ.
އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ޑައިވްކޮށްގެން އެން ހިފަން ދިވެހި މަސްވެރިންނަށް މަޖުބޫރުވެފައިވާއިރު އެން ހިފުމަށް ޑައިވް ކުރާ މީހުން ޑީކޯ ވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައެއް ކަމަށެވެ.
ޑީކޯ ވުމުން އެ މީހަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމު ކޮށްފައި ނެތުމުގެ ސަބަބުން ދިވެހި އެތައް މަސްވެރިންގެ ފުރާނަ ގެއްލި އެތައް މަސްވެރިންނެއް ނުކުޅެދޭ ހާލަތަށް ގޮސްފައިވާ ކަން ވެސް ޖާބިރު ފާހަގަ ކުރެއްވި އެވެ.