މާ ކަނޑުގައި ދާ ޖަަހައިގެން ކުރާ މަސްވެރި ކަމަށާ މިޔަރުގެ މަސްވެރި ކަން ހުއްދަ ކުރުމަށް މަސްވެރިކަމުގެ ގާނޫނަށް އިސްލާހުތަކެއް ހުށައަޅައިފި އެވެ. މި އިސްލާހުތައް ގެނައުމަށް ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ޖާބިރުގެ އިސްލާހުގައި ވިދާޅުވީ މަސްވެރިކަމުގެ ގާނޫނަކީ "މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އާމްދަނީ އާއި ނަފާ ހޯދުމަށް އެހީތެރިވެދިނުން" ކަމަށް ބުނި ނަމަވެސް އެ ގާނޫނު ފާސްވެ އަމަލު ކުރަން ފެށި ފަހުން ހަތަރު އަހަރު ފުރެންދާއިރު އެ ކަމަށް އަމަލީ ސިފައެއް އައިސްފައިނުވާ ކަމަށެވެ.
އެކަމުގެ ސަބަބަކީ މަސްވެރިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި އުސޫލަށް މާބޮޑު ބަދަލެއް ގެނެވި މި ސިނާއަތަށް ސިނާއަތުގެ ސިފަ ގެނެގެސް ދިނުމަށް ސަރުކާރުތަކުން ނުކުޅެދިފައިވުން ކަމަށެވެ.
ދިވެހި މަސްވެރި އުޅަނދުތަކަކީ އެންމެ ޒަމާނީ އުޅަނދުތަކެއް ނަމަވެސް ރާއްޖޭގެ ކަނޑުތަކުން ބޭރުގެ ބޯޓް ފަހަރު ދާ ޖަހައިގެން މަސް ނަގަމުން ދިއުން ނުހުއްޓުވި ދިވެހީންގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ގުދުރަތީ ވަސީލަތްތައް އެހެން ބަޔަކު ނަގާ ހުސްކުރަމުންދާއިރު ދުނިޔޭގެ ކުރިމަތީގައި އަނގަޔާއި އަތާއި ދިމާނުވިޔަސް ދިވެހި މަސްވެރިން ތިބެންވީ ފަހަރަކު މަހެއް "ދޮށީގައި" ނަގަންތޯ މި ސިނާއަރުގެ މަސްވެރިން ވިސްނާ ކަމަށް ޖާބިރުގެ އިސްލާހުގައިވެއެވެ.
އެހެން ކަމުން ރާއްޖޭގައިވެސް ހުއްދަ ލިބިގެން ސިނާއީ ފެންވަރެއްގައި ދާ ޖަހައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނުގެ ތިންވަނަ ބާބުގެ "މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުން" ޗެޕްޓަރުގައި ހިމެނޭ 17 ވަނަ މާއްދާގައި ހިމެނޭ ނަންބަރުތަކުގެ ތިރިއަށް އިތުރު ދެ ނަންބަރު އިތުރުކުރުމަށް ވަނީ ހުށައަޅާފައެވެ.
އެ ގޮތުން މާ ކަނޑުގައި ދާ ޖަަހައިގެން ކުރާ މަސްވެރި ކަމަށާ މިޔަރުގެ މަސްވެރި ކަން ހުއްދަ ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.