މަސްވެރިން

ފައިސާދޭނެ ކަމަށް ބުނުމުން އިހުތިޖާޖު މެދުކަނޑާލައިފި

ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީސްގެ މަސް ފެކްޓްރީ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޭނެ ކަމަށް ބުނުމުން މަސްވެރިން ކުރަމުން އައި އިހުތިޖާޖު މެދުކަނޑާލައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން އިހުތިޖާޖުގެ ބައިވެރިއެއް ބުނިގޮތުގައި އިހުތިޖާޖު މަޑުޖައްސައިލީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށެވެ.

މާންދޫ ފަޅުގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ލ. އަދި ތ. އަތޮޅުގެ ގިނަ އަދަދެއްގެ މަސްދޯނިތަކެއް ފައިސާ ހޯދުމަށް އިހުތިޖާޖު ކޮށްފައިވާއިރު މަސް ގަނެފައިވާ ފައިސާ ދިނުން އަވަސްކުރުމަށާއި ތެލުގެ އަގު ހެޔޮކުރުމަށް މި އިހުތިޖާޖުގައި ވަނީ ގޮވާލާފަ އެވެ.

"މިއަދު އިރުއޮއްސި 6 ގެ ކުރިން ބަނދަރުގައި މުޒާހަރާ ކުރަމުންދާ ދޯނިތަކަށްވާ 8.6 މިލިއަން ރުފިޔާ ޖަމާކޮށްދޭނަމޭ އެ ބޭފުޅުން ބުނި،" މަސްވެރިޔަކު ބުންޏެވެ.

މަސްވެރިންގެ އިހުތިޖާޖުގެ ސަބަބުން ފެކްޓްރީގެ ހުރިހާ މަސައްކަތެއް ހުއްޓިފައިވާއިރު، އޮޕަރޭޝަންތައް އަލުން ފެށޭނީ ފައިސާ ދިނުމުން ކަމަށްވެސް މަސްވެރިން ބުނެ އެވެ.

ހޮރައިޒަން ފިޝަރީޒް އިން މަސްވެރިންނަށް 21 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.