ދުނިޔެ

ނިއުކިލިއާ މައްސަލާގައި އެމެރިކާއެކު ކުރާނެ މަޝްވަރާއެއް ނެތް: ކިމް

އުތުރު ކޮރެއާގައި ބޭނުންކުރާ ނިއުކިލިއާ ހަތިޔާރުތަކާއި މިސައިލް ޕްރޮގްރަމާއި ބެހޭ ގޮތުން އެމެރިކާއެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް އުތުރު ކޮރެއާގެ އެގައުމުގެ ސީނިއާ އޮފިޝަލް ކިމް ކައިގްވާން ވިދާޅުވެއްޖެ އެވެ.

ކިމް ކައިގްވާން ވިދާޅުވީ، އެމެރިކާއެކު މީގެ ކުރިން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ މަޝްވަރާއެއް ބިނާވެފައިވަނީ އިތުރު ކޮރެއާއަށް ގެއްލުންވެ އެމެރިކާއަށް ފައިދާ ކުރާ ގޮތަށް ކަމަށެވެ. އެހެންކަމުން ރަނގަޅު ނަތިއްޖާއެއް ނުފެންނަ މަޝްވަރާތަކަށް ވަގުތު ހުސްނުކުރާނެ ކަމަށް ކިމް ކައިގްވާން ވިދާޅުވި އެވެ.

މަޝްވަރާތަކަށް އެއްބަސް އުތުރު ކޮރެއާއިން ނުވާނެކަން ހާމަކޮށް ކިމް ކައިގްވާން އިތުރަށް ވިދާޅުވީ، އެމެރިކާއިން ކޮންމެ ފަހަރަކު ވެސް ބުނަނީ، މަޝްވަރާތަށް ގިނަ ފަހަރާ ކެންސަލް ވަނީ އުތުރު ކޮރެއާގެ ސަބަބުން ކަމަށެވެ. ކިމް ކައިގްވާން ވިދާޅުވީ، މިކަމުން އެގެނީ އެމެރިކާއިން ހަމައެކަނި މަޝްވަރާގެ މޭޒު ދޮށަށް ވެސް ދާން ބޭނުންވަނީ ޝަރުތުތަކާއެކު އެކުގައި ކަމަށެވެ.

އަދި ވިދާޅުވީ، އުތުރު ކޮރެއާއަކީ ދުނިޔޭގެ ބާރުގަދަ އަސްކަރިއްޔާއަކަށް ވުމުގެ ބަދަލުގައި ގައުމު ސަލާމަތް ކުރެވޭ ވަރުގެ އަސްކަރިއްޔާއެއް ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުންދާ ގައުމެއް ކަމަށެވެ. އެކަން ކުރެވޭނީ މިސައިލާއި ނިއުކިލިއާގެ އެހީގައި ކަމަށްވުމުން، އުތުރު ކޮރެއާގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރަން އެމެރިކާގެ އެހީ ބޭނުންނުވާނެ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ، އުތުރު ކޮރެއާއިން އެމީހުންގެ އަސްކަރިއްޔާ ތަމްރީނު ކުރަނީ ދުނިޔެއާ އެކަހެރިވާ ގޮތަށް ކަމަށެވެ. ޓްރަމްޕު ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކިލިއާ އާއި މިސައިލް ޕްރޮގްރާމްތަށް ހުއްޓާލައިފިނަމަ އެމެރިކާ އެހީ އުތުރު ކޮރެއާގެ އަސްކަރިއްޔާއަށް ލިބޭނެ ކަމަށެވެ.