ހަބަރު

ރާއްޖޭގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން ރަސްމީކޮށް ބަލައިގެންފި

Nov 19, 2019
1

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން ރާއްޖޭން ހެދި ދުނިޔޭގެ ރެކޯޑު، ރަސްމީކޮށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތަަށް މިއަދު އަރުވައިފި އެވެ.

ދުނިޔޭގެ ރެކޯޑު ފޮތުން ރާއްޖޭން ޖާގަ ހޯދާފައިވަނީ ބަރޮސް ފަޅުތެރޭގައި މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ހާއްސަ އިވެންޓެއްގައި ހެދި "ފްރީޑައިވް ވޯލްޑް" ންނެވެ. އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު ރާއްޖޭން ހަދާފައިވަނީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައި އޮކްޓޫބަރު 11، 2009 ގައި ހަދާފައިވާ ރެކޯޑު މުގުރާލައިގެންނެވެ. ރާއްޖޭން މި ރެކޯޑު ހަދާފައިވަނީ 512 މީހުން ބައިވެރިވެގެންނެވެ.

ރާއްޖޭން ރެކޯޑު ހަދަން ބޭއްވި ހާއްސަ މި އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.

ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން މިއަދު ވަނީ މި ރެކޯޑު ރާއްޖޭން ހެދިކަން ރަސްމީކޮށް އިއުލާނުކޮށް ސައިޓުގައި ރަސްމީކޮށް އާއްމުކޮށްފަ އެވެ. އެ ސައިޓުގައިވާ ގޮތުން މި ރެކޯޑު ހަދާފައިވަނީ ޓޫރިޒަމް މިނިސްޓްރީން އިންނެވެ. މި އިވެންޓުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ތިބި ބައެއް ޓޫރިސްޓުން ވެސް ބައިވެރިވެފައިވެ އެވެ.