ހަބަރު

ހިޔާ ފްލެޓުތަކަށް ބަދަލު ނުގެންނަން ނިންމައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލުނުގެންނަން ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ ސަރުކާރުން 2017 ވަނަ އަހަރު "ހިޔާ" ގެ ނަމުގައި ހުޅުމާލޭގައި 6،860 ފްލެޓް އެޅުމަށް ހަވާލު ކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޖިނިއަރިންގް ކޯޕަރޭޝަނާ އެވެ. ނަމަވެސް، އެ އެޕާޓްމަންޓުތައް ކުޑަކަމުގެ ޝަކުވާތަކާއެކު، އެތަނުގެ ޑިޒައިނަށް ބަދަލު ގެނެސް، ފެލްޓުތައް ބޮޑުކުރުމުގެ މަޝްވަރާތައް ސަރުކާރުން ކަމާބެހޭ އިދާރާތަކުން ފެށި އެވެ.

ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު އަވަސް އަށް މިއަދު ވިދާޅުވީ މަޝްވަރާތަކަށްފަހު ޑިޒައިނަށް ބަދަލު ނުގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.

ސުހެއިލް ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ފާރުތައް ތަޅާލައިގެން ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަކީ އުނދަގޫ އަދި ހަރަދު ބޮޑުވާނެ ކަމަކަށްވާތީ ކަމަށެވެ.

"އެހެންވެ ނިންމީ ޑިޒައިނަށް ބަދަލު ނުގެންނަން. މިހާރު އުއްމީދުކުރަނީ ތާޑް ކުއާޓާގެ ތެރޭގައި ފްލެޓްތައް ނިމެނޭ ކަމަށް. އެކަމަކު ސީދާ ވަކި ތާރީހެއް ދަންނަވަން އުނދަގޫ،" ސުހެއިލް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ޗައިނާގެ ސީސީސީއާ ހަވާލުކުރީ 20 ޖުލައި 2016 ގަ އެވެ. އެ މަޝްރޫއުގެ އަމަލީ ގޮތުން އެ މަސައްކަތް ފެށީ 20 ޑިސެމްބަރު 2017 ގަ އެވެ.

ހިޔާ ފްލެޓުތަކުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ބުނާ އިރު އެ ޓަވަރުތައް ޑިޒައިންކޮށްފައިވާ ގޮތުން ލިފްޓް ފަދަ ހިދުމަތްތައް ވެސް ވަރަށް ދަތިވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. ނަމަވެސް ސްޓްރަކްޗާ ހުރި ގޮތުން ލިފްޓް އިތުރުކޮށް މާބޮޑު ބަދަލެއް ގެނެވޭކަށްނެތް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މަޝްރޫއުއަށް ހިނގާފައިވާ ހަރަދުގެ ސަބަބުން، "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ އަދަދު 11،000 ރުފިޔާއަށް އަރާ ކަމަށާއި، ނަމަވެސް ސަރުކާރުން ސަބްސިޑީތަކެއް ދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.