އާމްދަނީން ނަގާ ޓެކްސް

އިންކަމް ޓެކްސް ބިލް މަޖިލީހަށް ބަލައިގެންފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނުވަތަ އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އަހާފައެވެ. އެ ގޮތުން އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް އެވަގުތު މަޖިލީހަށް ހާޒިރުވެތިބި 69 މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ބިލް މަޖިލީހަށް ބަލައިގަތުމުން އެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީ ފޮނުވިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާއިރު، ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލުގައި ވަނީ، 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފެށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބިލުގައިވާ ގޮތުން 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ އަށް ޕަސެންޓެވެ. 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގަން ހުށަހަޅާފައިވާއިރު، 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ހުށަހަޅައިފަ އެވެ.

އާމްދަނީގެ ގޮތުގައި 40،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގާ ގޮތަށް ސަރުކާރުން ބިލް ހުށަހެޅިއިރު، ސަރުކާރުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ.