އާމްދަނީން ނަގާ ޓެކްސް

އިންކަމް ޓެކްސް ނަގަން ފެށޭ އަދަދު މަތިކޮށްފިނަމަ ބަޖެޓަށް އަސަރު ކޮށްފާނެ: އަމީރު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލުގައިވާ ތުރެޝްހޯލްޑަށް ވުރެ މަތީ ތުރެޝްހޯލްޑެއް ކަނޑައަޅައިފިނަމަ، އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީ ދަށްވެ ބަޖެޓަށް އަސަރުތަކެއް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި އިންކަމް ޓެކްސްގެ ބިލުގައި ވަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ވެސް ފަރުމާ ކުރީ، 40،000 ރުފިޔާއިން މަތީގެ އާމްދަނީތަކުން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދުތައް ހިމަނައިގެންނެވެ.

ނަމަވެސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ. ބިލަށް ބަހުސް ކުރެއްވި މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވަނީ ވައުދާ ހިލާފުވާތީވެ އިންކަމް ޓެކްސްގެ ބިލް ބަދަލު ކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ބައެއް މެންބަރުންގެ ސުވާލުތައް ވެސް އަމާޒު ކުރެއްވީ އިންކަމް ޓެކްސްގެ ބިލަށެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ ބިލަކީ އައިއެމްއެފް އާއި ވޯލްޑް ބޭންކްއާ މަޝްވަރާކޮށް ވަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު އެކުލަވާލި ބިލެއް ކަމަށެވެ.

އިންކަމް ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އަދި ހަމައެކަނި މަސައްކަތްތެރިންގެ އާމްދަނީ އިން އެކަނި 348 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓްގައި ވެ އެވެ.

އެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އަންދާޒާ ގޯސްކަމަށް ވިޔަސް، އިންކަމް ޓެކްސް ނެގޭ ތުރެޝްހޯލްޑް ބިލްގައިވާ ވަރަށްވުރެ މަތިކޮށްފިނަމަ އަންދާޒާ ކޮށްފައިވާ ވަރަށްވުރެ އާމްދަނީ މަދުވާނެ ކަމަށެވެ. އެ ގޮތުން 60،000 ރުފިޔާގެ އާމްދަނީއަކަށް ތުރެޝްހޯލްޑް އިތުރުކޮށްފިނަމަ ޓެކްސް ނެގޭ އާބާދީން ބޮޑު ބައެއް ބޭރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފޮނުވި އިންކަމް ޓެކްސް ބިލްގައި 60،000 އަށް ތުރެޝްހޯލްޑް އިތުރުކޮށްފިނަމަ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން އަންދާޒާ ކުރި މިންވަރަށް ވުރެ ދަަށްވާނެ، އަދި އަޅުގަނޑުމެންގެ އަންދާޒާ ގޯސް ކަމަށް ވިޔަސް 60،000 އަށް މަތިކޮށްފިނަމަ އެ ނެޓުން ބަޔަކު ބޭރު ވާތީވެ އާމްދަނީ ލިބޭނެ މިންވަރު ދަށްވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރަށާއި ކުރިއަށް އޮތް އަހަރުތަކަށް ދައުލަތުން ދޭ އިނާޔަތްތަކާއި ސަބްސިޑީސްތައް ދިނުމަށް އަމާޒުކޮށްފައި ވަނީ ވެސް އިންކަމް ޓެކްސް އިން ލިބޭނެ އާމްދަނީއަށް ރިއާޔަތްކޮށްގެން ކަމަށެވެ. އޭގެ ސަބަބުން މިހާރަށްވުރެ ހަމަހަމަ އަދި ފުރިހަމަ ނިޒާމެއްގައި އެ ކަން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިންކަމް ޓެކްސްގެ ބިލު މިހާރު އޮތް ގޮތުން ވެސް ޓެކްސް ނެގޭ އާބާދީ ކުޑަ ކަމަށެވެ. އަދި 40،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދު ނެގޭނީ ވެސް ކުޑަ މިންވަރަކަށްވުމުން އެއިން ދަތިތަކެއް އުޅޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ހުށަހަޅާފައި ވާނީ 40،000 އާއި 60،000 އާ ދެމެދަކީ ހަ ޕަސެންޓް ކަމަށް. މިސާލަކަށް އެ މީހަކަށް 50،000 ރުފިޔާ ލިބޭނަމަ އެ މީހަކަށް ޓެކްސް ކުރެވޭނެ އާމްދަނީ އަކީ 10 ޕަސެންޓް. އޭގެ މާނައަކީ އޭނާގެ އެވެރެޖް ޓެކްސް ރޭޓަކީ 1.8 ޕަސެންޓްއޭ. 1.8 ޕަސެންޓްއޭ 50،000 ލިބޭ މީހާގެ އަތުން ޓެކްސް ކުރެވޭނީ." އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މަޖިލީހުން އެ ކަމުގައި ނިންމާނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މަޖިލީހުން ނިންމާ ގޮތެއް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ.

ސަރުކާރުން ފޮނުވި ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގަނީ 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އަށް ޕަސެންޓެވެ. 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާއިރު، 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ބިލުގައިވެ އެވެ.

އެމްޑީޕީގެ "އެޖެންޑާ 19" ގެ ކަރުދާހުގައި ވަނީ 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓްގައި ޓެކްސްއެއް ނެގުމަށެވެ. 100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓް ނަގެމަށާއި 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީއެއް ލިބޭ ފަރާތްތައް 10 ޕަސަަންޓް ނެގުމަށެވެ. އެއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް 15 ޕަސަންޓްގައި ޓެކްސް ދައްކާ ގޮތަށެވެ.