ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ހައެއްކަ މަހަށް ކުރި ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްގެ ވާހަކަ ހައެއްކަ ދުވަހުން އޮބިދާނެ ކަމަށް ބަޔަކު މީހުން ހީކުރިޔަސް އެ ވާހަކައެއް އެހާ ފަސޭހައިން އޮއްބާލެވޭކަށް ނެތެވެ. ހައެއްކަ މަސް ތެރޭގައި މި ޕޮޕޯފެއް ދިވެހިންގެ ފުޓްބޯޅަ ހަލާކުކޮށް، ބޯޅަކުޅެން އޮތް ޓީމު ވެސް އެއްކޮށް ގަޑަބަޑުކޮށްލާފައިވާތީ އެވެ.
ނުވިތާކަށް "ޕޮޕޯފަކާއި ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިންތަކެއް ވައިބާ ގްރޫޕެއްގައި ކުޅުނު ނާޗަރަންގީގަނޑާ" ގުޅިގެން ގޮސް ދިވެހި ފުޓްބޯޅައިގެ އަހުލާގާއި ފެންވަރު މި އޮތީ މިއިން ޒަމާނަކު ވެސް ނުވެއްޓޭހާ ދަށަށް ވެއްޓިފައެ އެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ޕޮޕޯފް ގައުމީ ޓީމަށް ހަދާލި ގޮތޭ ކިޔައިގެން މީޑިއާ އިން އާންމުންނާ ހަމަ އަށް ގެނެސްދޭ ވާހަކަ އާންމުންގެ ވަރަށް ގިނަ ބަޔަކު ގަބޫލުނުކުރާ ކަމެވެ. އާންމުންގެ ނަޒަރުގައި ދޮގު ހަދަނީ މީޑިއާ އާއި ޕޮޕޯފާ ޖައްސާލައިގެން އުޅޭ ބައެއް ކުޅުންތެރިންނެވެ. ނުވަތަ މިއީ ގައުމީ ޓީމުން ފުރުސަތެއް ނުލިބިގެން ޑެސްޕަރޭޓްވެފައި ތިބި ކުޅުންތެރިންގެ ބަޔަކު ފަތުރައިގެން އުޅޭ "ބޮޑު ފަނިގަނޑެކެވެ."
އެހެންވީމަ މި މައްސަލާގައި މިހާތަނަށް ފުޓްބޯޅަ އިދާރާ އެފްއޭއެމުން ދައްކާފައި ހުރި ވާހަކަތައް ވެސް އާންމުން ގަބޫލެއް ނުކުރެ އެވެ. އެފްއޭއެމުން ބުނެފައި ވަނީ ކޯޗަށް އޭނާގެ މަގާމު ގެއްލުނީ އަހުލާގީ ގޮތުން އެކަށީގެންނުވާ ފެންވަރަކަށް ކޯޗު ވެއްޓިގެން ކަމަށާއި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ދެކޮޅު ހަދައި ގައުމީ ޓީމުގެ ތަރައްގީ އަށް ހުރަސް އެޅޭ ގޮތަށް އޭނާ އުޅެން ފެށީމަ ކަމަށެވެ.
ނަމަވެސް މިއިން އެއް ވާހަކައެއް ވެސް އާންމުން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ކޮބައި ކަން އެނގޭ ހެއްޔެވެ؟
ވެލިޒާ ޕޮޕޯފަކީ ރާއްޖޭގައި ކުލަބު ލެވެލްގައި ނަތީޖާ ނެރެދީފައިވާ ކޯޗެކެވެ. ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކަމަށް މަޝްހޫރު ނިއު ރޭޑިއަންޓް ގޮވައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ދަނޑުގައި އެތައް ރިކޯޑެއް ހެދުމަށް ފަހު އޭނާގެ ބެލުމުގެ ދަށުން އެފަހަރު ނިއު ރޭޑިއަންޓް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ވެސް ގެންގޮސް ދިވެހިންނަށް ރީތި ނަން ހޯދައިދީ ދިވެހިންގެ ތެރެއިން އެތައް ހާސް ބަޔަކު ފަހުރުވެރިކޮށްދިނެވެ.
މޮޅުއެތައް ކުޅުންތެރިންނެއް ނިއުގައި ތިބެ، އަދިވާދަކުރާނެ އެވަރުގެ ދިވެހި އެހެންޓީމެއް ވެސް ނެތި
އޭނާ ހޯދި މި ކާމިޔާބީއާ އެކު ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އޭނާ ފަހަތުން ދުއްވައިގަތީ ދެ ލޯ މަރާލައިގެން ތިބެ އެވެ. އެ ފެންވަރުގެ ކޯޗެއް އަދި އެ ފެންވަރުގެ ކާމިޔާބީއެއް ދިވެހި ފުޓްބޯޅަ އަށް ހޯދައިދިން އެހެން މީހަކު ފަހުގެ ތާރީޚެއްގައި ފެނިފައި ނެތީމަ ކަމަށް ވެސް ވެދާނެ އެވެ.
ކޮންމެއަކަސް މި ކާމިޔާބީގެ ތެރެއިން ޕޮޕޯފް އޮތީ ދިވެހިންގެ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ.
އަނެއްކޮޅުން އޭނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމަށް ގެނައުމުން އޭނާއާ އެކު ގައުމީ ޓީމަށް ވެސް ނިއު ރޭޑިއަންޓާ އެއްވަރުގެ ކާމިޔާބީއެއް ލިބިދާނެ ކަމަށް ހިތުން ގަބޫލުކޮށް ޕޮޕޯފްގެ ގައިގައި ބައްދައިގަތް ދިވެހިން ވަރަށް ވެސް ގިނަ އެވެ.
ދިވެހިންނަކީ ފުޓްބޯޅައަށް މަރުދޭ ބައެކެވެ. ކަންތައް މިހެންވުމަކުން އަދި ހައިރާންވާކަށް ވެސް ނުޖެހެ އެވެ. އަދި އެންމެފަހުން ޕޮޕޯފަށް ނަތީޖާއެއް ނުނެރެވި އުޅެނިކޮށް އޭނާގެ އަހުލާގީ މައްސަލަތަކެއްގެ ވާހަކަ އާންމުވުމުން އެ ވާހަކަ ގަބޫލުކުރަން އާންމުންގެ ގިނަ ބަޔަކު ދެކޮޅުހެދީ ވެސް ފުޓްބޯޅަ އާއި ޕޮޕޯފް ދެކެ ވެވިފައި ހުރި ލޯތްބެއްގެ ބޮޑުކަމުންނޭ ބުނެވިދާނެ އެވެ.
ޕޮޕޯފްގެ އަދަބެއް އަހުލާގެއް ނެތް ކަމަށް ބުނެ އެފްއޭއެފްގެ އިސް އޮފިޝަލުން ދައްކަވަމުން ގެންދަވާ ވާހަކަތައް ގަބޫލުކުރަން އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކޮޅު ހަދަމުންދާ އަނެއް ސަބަބަކީ ގައުމީ ޓީމުގެ އެންމެ ސީނިއާ ދެ ކުޅުންތެރިންގެ ގޮތުގައި ތިބި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު އާއި ގޯލުކީޕަރު އިމްރާން މުހައްމަދު މި މައްސަލަގަނޑެއްގެ ތެރެއިން އެފްއޭއެމަށް ފާޑުކިޔައި ޕޮޕޯފަށް ބައިއަތު ހިފާފައިވާތީ އެވެ.
ދިވެހި ފުޓްބޯޅައިގައި އަލީ އަޝްފާގާއި އިމްރާން މުހައްމަދުގެ ނުފޫޒާއި ބާރު އޮތް ވަރަކީ އެ ދެ މީހުން ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް މުޅި ދިވެހި ގައުމު އެ ދެ މީހުން ދައްކާ ވާހަކަ ގަބޫލުކުރާނެ ކަމެވެ. މިއީ އަދި ވެލިޒާ ޕޮޕޯފް ދިވެހިންގެ ހިތްތަކުން ހޯދާފައިވާ ޖާގަ އަށް ވުރެ މާ ބޮޑު އަދި މާ މަތިވެރި ޖާގައެއް ދިވެހިންގެ ހިތްތަކުން ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.
ދިވެހި ފުޓްބޯޅައިގެ ދެ ބަތަލުންނެވެ. އެހެންވީމަ "މިވެނި އެއްޗެކޭ މަ ނުބުނަމޭ" ކިޔާފައި ޕޮޕޯފް އަޑުގަދަކޮށްގެން އެ ވާހަކައެއް ގަބޫލުކުރަން ދިވެހިންނަށް އުނދަގޫވިޔަސް "ޕޮޕޯފް އެހެނެއް ނަހަދައޭ" ނުވަތަ މިވެނި ކަމެއް ނުކުރެއޭ ބުނާ ވައްތަރަށް ނުވަތަ އެފަދަ ރާގެއްގައި އަޝްފާގާއި އިމްރާން ވާހަކަ ދެއްކީމަ ދިވެހިންނަށް އެ ދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟
އަލީ އަޝްފާގާއި އިމްރާން މި މައްސަލާގައި އެފްއޭއެމަށް ފާޑުކީމަ އޭގެ މާނަ އަކީ ގައުމީ ޓީމުގެ ކޯޗުކަމުން ޕޮޕޯފް ދުރުކޮށްފައި ވަނީ އޭނާގެ އެއްވެސް ކުށެއް އޮވެގެނެއް ނޫން ކަމެވެ. މިއީ ދިވެހި ފުޓްބޯޅަ އާއި އަލީ އަޝްފާގު އަށް ގުރުބާންވާން ތައްޔާރަށް ތިބި ދިވެހިން އެ ވާހަކައެއް ތަރުޖަމާކުރާނެ ގޮތެވެ.
އެހެންވީމަ ޕޮޕޯފަށް ކުރެވިފައިވާ އަޚުލާގީ މައްސަލަތަކުގެ ތުހުމަތުތައް ގަބޫލުނުކުރަން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ހިފާލާފައި ވަނީ އަޝްފާގު އާއި އިމްރާން ޕޮޕޯފަށް "ސިމްޕަތީވެގެން" ވާހަކަ ދައްކާފައިވާތީ އެވެ. މިއީ މި މައްސަލައިގެ ހަގީގަތް ވަރަށް ބޮޑަށް އޮޅި އެފްއޭއެމް އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ އަޝްފާގާއި އިމްރާން ފަދަ ބަތަލަކަށް ޕޮޕޯފް ވެސް އެންމެފަހުން ދިވެހިންގެ މެދުގައި ބަދަލުވި ސަބަބެކެވެ.
އެއަށް ފަހު ޕޮޕޯފް އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ހިންގަފާނެ ކަމަކަށް އަދި ދިވެހި ކުޅުންތެރިންގެ އިސްލާމީ އަގީދާ އަށް ގުޑުން އަރާ ފަދަ ގޮތަކަށް އެމީހުންނާ އެކު އުޅެފާނެ ކަމަކަށް ދިވެހިން ގަބޫލެއް ވެސް ނުކުރެ އެވެ.
ޓީމު ހަމައަކަށް އަޅުވައި އެމީހުންނަށް އަހުލާގެއް ދަސްކޮށްދީ ކާމިޔާބީއެއް ހޯދައިދޭން ހުރި ޕޮފޯފްގެ އަހުލާގެއް ނެތިގެން ގޮސް ދިވެހި ޓީމު ވައިބާ ގްރޫޕެއްގައި "އޮރިޔާންވުމުން" ވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދައި ގައުމީ ޓީމުގެ ކެޕްޓަން އަޝްފާގު ކުށްވެރިކުރީ އެފްއޭއެމެވެ.
މިހެން ވާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ކޯޗާއި ދެން ތިބި އެހެން ކުޅުންތެރިންގެ ހަޑީގައި އަޝްފާގަށް ވެސް ބައިވެރިވެވިފައި އޮތީމަ ކަމަށް ވެދާނެ އެވެ. ލީކުވެފައިވާ "ގައުމީ ޓީމުގެ ވައިބާ ގްރޫޕްގެ ސްކްރީންޝޮޓްތަކަށް" ބަލާއިރު އަޝްފާގެކޭ ޕޮޕޯފެކޭ އަނެއް ކުޅުންތެރިޔެކޭ އާދައިގެ ކުޅުންތެރިޔެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ.
މިސާލަކަށް ލީކުވެފައިވާ ކޮންވަޒޭޝަނަކަށް ބަލައިލަމާ ހިނގާށެވެ.
ބަރަހަނާ ހާލުގައި ތިބި އަންހެން ކުދިންގެ ފޮޓޯތަކެއް މި ވައިބާ ގްރޫޕެއްގައި ޕޯސްޓްކުރަމުން ގޮސް ޕޮޕޯފް ޕޯސްޓް މިކޮށްލަނީ ކުރު ހެދުމުގައި ނަލަ ދައްކާލައިގެން ތިބި ތިން އަންހެން ކުދިންގެ ފޮޓޯއެކެވެ. އެއީ ދިވެހި ކުދިންގެ ފޮޓޯއެއް ނޫނެވެ.
މި ފޮޓޯއެއް ގްރޫޕަށް ލުމަށް ފަހު ޕޮޕޯފް އަލީ އަޝްފާގާކޮށްލަނީ ސުވާލެކެވެ.
"ދަގަނޑޭ ޗޮއިސް ވަން އަކީ ކޮބާ؟،" މިހެންނެވެ.
ޖަވާބުގައި އަޝްފާގު ބުނެލާފައިވާ ކަމަށް ސްކްރީންޝޮޓުން ދައްކަނީ "ރެޑް" އެވެ. އޭގެ މާނަ އަކީ ޕޮޕޯފް ދައްކާލި އަންހެން ކުދިންގެ ތެރެއިން ރަތް ކުލައިގެ ހެދުމެއް ލައިގެން ހުރި ކުއްޖާ އަކީ އަޝްފާގުގެ ނަމްބަރު ވަން ހޮވުން ކަމެވެ.
މިއީ މި ޕޮޕޯފަކާ ޖެހިގެން ގޮސް އަޅުގަނޑުމެންގެ ޓީމުގެ ކެޕްޓަން ވެސް ވެއްޓިގެން ގޮސްފައި އޮތް ހާލަތެވެ. ޕޮޕޯޕަށް ފަހު ޓީމު ނަގައި ކޮޅަށް ޖަހަން ޖެހޭ މީހަކީ ކެޕްޓަން ކަމަށްވާއިރު ޕޮޕޯފާއި ކުޅުންތެރިން ޖެހި އަހުލާގީ ސަކަރާތް ހުއްޓުވަން އަޝްފާގު މަސައްކަތް ނުކުރީ ކީއްވެ ހެއްޔެވެ؟
ދެން މި ވާހަކައެއް ދެއްކީމަ ގޯސް ވަނީ އެފްއޭއެމެވެ. އެންމެން މި ބުނަނީ އެއީ އެފްއޭއެމުން ހެދި ވައިބާ ގްރޫޕެއް ކަމަށެވެ. އެތަނުގެ ވެރިން ވެސް ތިބި ވައިބާ ގްރޫޕެއް ކަމަށެވެ.
އެކަމަކު ސުވާލަކީ، އެފްއޭއެމުން މި ވައިބާ ގްރޫޕެއް ހެދީ ކޯޗާއި ކުޅުންތެރިން ލައްވައި ނާޗަރަންގީކުޅެންތޯ އެވެ؟
ދެން މިއޮތީ އެހެން މައްސަލައެކެވެ. އިއްޔެ އަލީ އަޝްފާގު އެ ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖެއްގެ ގޮތުގައި ގެންގުޅޭ "އަލީ އަޝްފާގު" މެދުވެރިކޮށް މީޑިއާ އަށް ވަރުގަދަ ހަމަލާއެއް ދީ އޭނާއާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކަތަކެއް ވެސް ދޮގުކޮށްފަ އެވެ.
އަޝްފާގާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އަކީ އޭނާގެ ބާރާއި ނުފޫޒު ފޯރުވައިގެން ވަކި ބަޔަކަށް ފޭވާކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތެވެ. އަޑު އަރާފައި އޮތީ ކޯޗު "ބުރުވައިލުމުން" އެކަމާ ދެކޮޅަށް އަޝްފާގު އަޑުއުފުލީ ވެސް ކޯޗާއި އަޝްފާގާ ދެމެދު "ބެނެފިޓްސް" ތައް ބޮޑުކަމުންނެވެ.
ކޮންމެއަކަސް އަޝްފާގު ބާރެއް ނުފޯރުވާ ކަމަށް ބުނާ ނަމަ އޭގައި މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލައަކަށް ވާ ހިސާބެއް ވެސް އެބައޮތެވެ.
ކޯޗު ކަމުން ޕޮޕޯފް ވަކިކުރުމުން އެފްއޭއެމަށް އަޝްފާގު ފާޑުކިޔުމަކީ ސީދާ މަތިއޮމާންކޮށްލުމެކެވެ. ޕޮޕޯފް ބޭރުކޮށްލުމުން އަޝްފާގާއި އިމްރާން މީޑިއާގައި ޖެއްސީ ވަރުގަދަ "ޕީއާރް ސްޓަންޓެކެވެ."
އެހެނީ ޕޮޕޯފް ކޯޗުކަމުން ވަކިކުރަން އަޝްފާގު ވެސް އެއްބަސްވެ އެކަމަށް ތާއީދުކޮށްފައިވާތީ އެވެ. އިތުބާރު ހުރި ގޮތަކަށް އެފްއޭއެމްގެ އެތެރެއިން އެނގިފައިވާ ގޮތުން ކޯޗާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އަޝްފާގުއާ މަޝްވަރާކުރުމުން އޭނާ ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.
އެހެންވީމަ އެންމެފަހުން މިކަންތައްގަޑެއް ނިމިގެން ގޮސް ކޯޗަށް މަގާމު ގެއްލުމުން ހިނގައިދިޔަ ހުރިހާ ކަމެއްގެ ހަގީގަތް އޮޅޭ ގޮތަށް އަޝްފާގު އާއި އިމްރާން މީޑިއާގައި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ފުޓްބޯޅަ އިދާރާގެ ވެރިން ޒިންމާދާރުނުވާ ކަމަށް ބުނެ ވާހަކަ ދެއްކިއިރު ގައުމުން ދެ ބަތަލުންގެ ގޮތުގައި ބަލާ އަޝްފާގާއި އިމްރާނަށް ވެސް ދެއްކުނީ ކޮން ނަމޫނާއެއް ހެއްޔެވެ؟ ނުވަތަ ޒިންމާދާރުވެވިއްޖެތޯ އެވެ؟
ކޯޗު މަގާމުން ދުރުކުރަން ތާއީދުކޮށްފައި އެފްއޭއެމުން ނުކުމެ އަޝްފާގުމެން ފަދަ ބާރުގަދަ ކުޅުންތެރިން އެހެން ލަވައެއް ކީމަ އޭގެ ސަބަބުން ނުކުންނާނެ ނަތީޖާ މި އޮތީ ނުކުމެފަ އެވެ. އަޝްފާގު އާއި އިމްރާން އެފްއޭއެމަށް ފާޑުކީމަ ގިނަ ދިވެހިންނަށް ހީވަނީ ޕޮޕޯފްގެ މައްސަލާގައި އޭނާގެ އެއްވެސް ކުށެއް ނެތް ހެންނެވެ. ކުށްވެރިޔަކީ ހަމައެކަނި އެފްއޭއެމް ހެންނެވެ.
އެހެންވީމަ އެފްއޭއެމުން ހަދަނީ ދޮގު ކަމަށް ވިސްނޭ ގޮތަށް ފާޑުކިޔުމަށް ފަހު އަޝްފާގުގެ ފާޑުކިޔުން މީޑިއާ އަށް އަމާޒުކޮށްލުމަކީ މީޑިއާ އިން ވެސް މި މައްސަލާގައި ފަތުރަނީ ހުސް ދޮގު ކަމަށް ނިންމަން ދިވެހިންނަށް އަޝްފާގު ދޭ ނުބައި މެސެޖެކެވެ.
ވަކި ވަރަކަށް މީހާ މަޝްހޫރުވީމަ ދެކެވޭ ވާހަކަ އަށް އަދި އުޅެވޭ ގޮތަށް ބަލައިގެން އުޅުމަކީ ނިކަން ބުއްދިވެރިކަމެކެވެ.
މިއަދު ދިވެހި ފިލްމީ ދާއިރާ އާއި ދިވެހި ފުޓްބޯޅަ ޓީމުގައި އޮތީ ކޮން ތަފާތެއް ހެއްޔެވެ؟