އިއާދަކުރަނިވި ހަކަތަ ރަށްރަށުގައި ކުރިއެރުވުމުގެ ގޮތުން މިފަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ކޮންމެ ރަށެއްގެ ކައުންސިލަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށައަޅުއްވައިފި އެވެ.
ސަލީމް މިހެން ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމަށާއި ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށައެޅި ގަރާރާއި ގުޅޭގޮތުން ފަހުބަސް ވިދާޅުވަމުންނެވެ. މިއަދުގެ ޖަލްސާގައި ވަނީ އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް ނިންމާފައެވެ. ގަރާރު ބަލައިގަތުމަށް ނިންމީ 69 މެންބަރުންގެ އިއްތިފާގުންނެވެ.
ގުޅޭގޮތުން ފަހުބަސް ވިދާޅުވަމުން ސަލީމް ވަނީ ގަރާރަށް ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ. ސަލީމް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް 2020 ގެ ބަޖެޓްގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އެހެން ކަމުން އިއާދަކުރަނިވި ހަކަތަ ރަށްރަށުގައި ކުރިއެރުވުމުގެ ގޮތުން މިފަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ކޮންމެ ރަށެއްގެ ކައުންސިލަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުމަށް އޭނާ ވަނީ ހުށައަޅާފައެވެ.
"އެހެންކަމުން އިއާދަކުރަނިވި ހަކަތަ ރަށްރަށުގައި ކުރިއެރުވުމުގެ ގޮތުން މިފަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ކޮންމެ ރަށެއްގެ ކައުންސިލަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުމަށް އަޅުގަނޑު ހުށައަޅަން. އަދި އެ ފައިސާއަކީ އިއާދަކުރަނިވި ހަކަތަ ނުވަތަ ސޯލާ ޕެނަލް ހަރުކުރުމުގައި އަދި ގަތުމުގައި މިހާރު ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ކައުންސިލުން ސޯލާ ޕެނަލް ބަހައްޓަން ބޭނުންވާ ގޭގޭގެ ވެރި ފަރާތަކަށް ވެދޭ އެހީއެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް އަޅުގަނޑު ހުށައަޅަން." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ކުރާ ޚަރަދުން ތެލަށް ކުރަމުންދާ ހޭދަ ކުޑަކުރެވި، ރައްޔިތުން ކަރަންޓަށް ކުރާ ހޭދަވެސް ކުޑަކުރެެވިގެންދާނެ ކަމަށެވެ.
ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ކަރަންޓުގެ އަގު ބޮޑުވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވެފައި އޮތް ކަމަކަށް ވީއިރު، ކަރަންޓުގެ އަގު ރައްޔިތުންނަށް އުފެލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.
އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓު އުފެއްދުމުގެ އަގު ބޮޑު ކުރަން ޖެހުމާއި އެ ކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހުމާ އެކު އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް ގައުމީ ފެންވަރުގައި އަޅަން ޖެހިފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ހިއްސާ ވެގެން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމުގެ ގޮތުން ހާއްސަ
ފަންޑެއް އުފެއްދުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި ޑީސަލްއާއި ޑީސަލް އިން އުފައްދާ ކަރަންޓަށް ދޭ ސަބްސިޑީ އިއާދަ ކުރަނިވި ހަކަތައަށް އަނބުރާލުމަށް ވެސް ގޮވާލާފައިވެ އެވެ.
އެ ފަންޑްގެ ފައިސާ މީހުން ދިރިއުޅޭ ރަށްރަށުގެ ގޭގެއާއި ވިޔަފާރި ކުރާ ތަންތަނުގައި ސޯލާ ޕީވީ ސިސްޓަމްތައް ހަރު ކުރުމަށް ބޭނުންވާ ލޯނު ހެދުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ބޭނުން ކުރުމަސް ގަރާރުގައިވެ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީއާއި އެނާޖީ އޮތޯރިޓީއާއި ޔުޓިލިޓީ ކުންފުނިތަކާއި ލޯކަލް ކައުންސިލްތަކާއި އާންމު ފަރާތްތައް ގުޅިގެން ގައުމީ ފެންވަރުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމު ކުރުމުގެ ގައުމީ ފެންވަރުގެ މަޝްރޫއެއް ހިންގުމަށް ގޮވާލާފައިވެ އެވެ.
ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން އަދި ވިޔަފާރީގެ ގޮތުން އިއާދަ ކުރަނިވި ހަކަތަ އުފައްދާ ބޭނުން ކުރުމަށް ރާއްޖޭގައި ހުރި ހުރަސްތައް ނައްތާލުމަށް ގާނޫނީ އަދި އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމަށް ގަރާރުގައިވެ އެވެ. އިއާދަ ކުރަނިވި ހަކަތައާއި ގުޅޭ އިންޖިނިއަރިން އާއި މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާ ކުރުން އިތުރު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
އޭގެ އިތުރުން އެނާޖީ އެފިޝަންސީ މަސައްކަތްތަކާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވަނަންސް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސް ކުރުމަށާއި އެނާޖީ އެފިޝަންސީ މިންގަނޑުތައް އެކުލަވާލަން ގަރާރުގައިވެ އެވެ.
އެނާޖީ އެފިޝަންސީ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަން ޖެހޭ އެއްޗެހި ފިޔަވައި އެ ނޫން އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގަރާރުގައިވެ އެވެ.
ހަކަތައިގެ ގަވަނަންސް ހަރުދަނާކޮށް އިސްރާފު ކުޑަކޮށް އަދި ރައްޔިތުންނަށް މިހާރަށްވުރެ ގާތުން ހަކަތައިގެ ހިދުމަތްތައް ދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ރާއްޖޭގެ މެދުގައި އަދި ރާއްޖޭގެ ދެކުނުގައި ހިދުމަތް ދެވޭ ގޮތަށް ހަކަތައިގެ ހިދުމަތްތައް ދޭ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ވެސް އެ ގަރާރުގައިވެ އެވެ.