މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް "މާލޭގެ ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" ކުރިޔަށްގެންދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތައް ހައްލުކޮށް މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބުކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޝްރޫއެއް ކުރިޔަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައި ވަނީ އެކަމާބެހޭގޮތުން މާލޭ ސިޓީކައުންސިލުގެ އިސްނެގެވުމާއެކު އެކުލަވާލައްވާފައިވާ "ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭން" އާއި ގުޅޭގޮތުން ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހަށް މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
މި މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށާއި، އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ހިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ހިދުމަތް އަލުން ތައާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.