ހަބަރު

އަވަސް އިންތިހާބަކަށް ގޮވާލަން ޖާބިރުގެ ގަރާރެއް

Nov 19, 2019
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ގާނޫނު އަސާސީއާ ހިލާފު އިންތިހާބެއް ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ރިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވާން ޖެހޭނެ ކަމަށް ބުނާއިރު އެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަ ކުރުމަށް ފުރުސަތު ލިބިފައިނުވާތީ ކަމަށެވެ.

އެހެންވެ، ހުރިހާ ސިޔާސީ ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް އަވަސް އިންތިހާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ބާރު އެޅުމުގެ ގޮތުން މަޖިލީހުން ގަރާރެއް ފާސްކުރުމަށް ހުށަހަޅުއްވާ ކަމަށް ގަރާރުގައި ޖާބިރު ވިދާޅުވެފައިވެ އެވެ.

ޖާބިރު ވަނީ މިފަހުން ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ހާއްސަ މަންދޫބެއްގެ މަގާމު ޖާބިރަށް ދެއްވި އެވެ. ޖާބިރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭނާ ވަނީ ވަރަަށް އަވަހަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.