ކުޅިވަރު

ޓޮޓެންހަމްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

ޓޮޓެންހަމްގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓަޑާއި ޗެލްސީގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.

ޓޮޓެންހަމް އަކީ އިނގިރޭސި ވިލާތުގައި މޮރީނިއޯ ކޯޗް ކޮށްދޭ ތިން ވަނަ ޓީމެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އޭނާ ކޯޗިންގައި ނަތީޖާތައް ފެނުނީ ދަށް ކޮށެވެ. ޗެލްސީއަށް އިނގިރޭސި ޕްރިމިއާ ލީގް ތިން ފަހަރެއްގެ މަތިން ހޯދައިދިން މޮރީނިއޯ އެންމެ ފަހުން ކޯޗް ކޮށްދިން ދެ ޓީމުގެ ވަޒީފާ ވެސް އޭނާއަށް ގެއްލުނީ އެ ޓީމުތަކުގެ ނަތީޖާ ރަނގަޅު ނުވުމުން މަގާމުން ވަކި ކުރުމުންނެވެ.

ޗެލްސީގެ ކޯޗް ކަމުން 2016 ވަނަ އަހަރު ވަކި ކުރީ އެ ޓީމުގައި އެ އަހަރު ނަތީޖާތައް ރަނގަޅު ނުކުރެވުމުންނެވެ. އެހެން ނަމަވެސް އޭގެ ކުރީގެ ސީޒަންގެ ލީގް ޗެލްސީއަށް ކާމިޔާބު ކޮށްދިނެވެ. މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ކަމާ ހަވާލުވެ ފުރަތަމަ ސީޒަންގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކޮށްދިނެވެ. އެހެންނަމަވެސް ދެ ވަނަ ސީޒަންގައި އޭނާ ވަޒީފާއިން ވަކި ކުރި އެވެ.

ކުރިން އިންޓަ މިލާން އާއި ރެއާލް މެޑްރިޑް އަދި ޕޯޓޯއަށް ކޯޗް ކޮށްދިން މޮރީނިއޯ އަލުން ކުލަބަކާ ހަވާލުވާން އެއްބަސް މިވީ އެއް އަހަރު ފަހުންނެވެ. އޭނާއަށް ބައެއް ކުލަބުތަކުގެ ހުށަހެޅުން ލިބުނެވެ. އެގޮތުން ފްރާންސްގެ ލިޔޯންގެ ހުށަހެޅުން އޭނާ އަށް ލިބުނު ނަމަވެސް އެ ހުށަހެޅުމާ ބެހޭޣޮތުން ވާހަކަތައް ކުރިއަށް ގެންދާކަށްވެސް އޭނާ ބޭނުމެއް ނުވި އެވެ.