"ކޯޗުންގެ ޕްރޮފިޝަންގައި އެހެން ކޯޗުންނާ އެކުވެރިކަމެއް ބާއްވަން އުންދަގޫ ވާނެ.... އެހެންނަމަވެސް ޕެޕް ތަފާތު" ހޯޒޭ މޮރީނިއޯގެ އާކް ރައިވަލް ޖޯސެފް ގާޑިއޯލާ އާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުނީ މިހެންނެވެ. މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް މިއަދު ކުޅޭ މެޗަކީ، ކޯޗެއްގެ ގޮތުގައި ގާޑިއޯލާ އާއި މޮރީނިއޯ އެކަކު އަނެކަކާ ކުރިމަތިލާ 25 ވަނަ މެޗެވެ. ކޯޗެއްގެ ގޮތުގައި ގާޑިއޯލާ އެންމެ ގިނައިން ނުކުމެފައި ވަނީ މޮރީނިއޯ އާ ދެކޮޅަށެވެ.
ވާދަވެރި ކޯޗުންގެ މެދުގައި އެކުވެރި ކަމުގެ ގުޅުމެއް ނުއުފެދޭ ސަބަބުވެސް މޮރީނިއޯ ސާފު ކޮށްދިނެވެ. ވާދަވެރި ދެ ކޯޗުން އެކަކު އަނެކަކާ ބައްދަލު ވަނީ މެޗު ފެށުމުގެ ދެ މިނެޓް ކުރިންނެވެ. ސަލާމް ކޮށްލައި އެކަކު އަނެކަކުގެ ހާލު އަހާލަފައި ވަކިވެގެން ދަނީ އެވެ. އަނެއްކާވެސް މެޗު ނިމުމުން ހިނިތުންވުމާއެކު ވަކިވެލަން ބައްދަލު ވަނީ އެވެ. އެހާހިސާބުން ދެ ކޯޗުން ސީޒަންގެ ދެ ވަނަ ހާފަށް މެނވީ ބައްދަލު ނުވާނެ އެވެ. މޮރީނިއޯ ބުނީ ވާދަވެރި ކޯޗުންގެ މެދުގައި އެކުވެރި ކަމުގެ ގުޅުމެއް އުފެއްދޭނެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
"ނަމަވެސް ޕެޕް ތަފާތު އަހަރެމެން އެކުގައި ތިން އަހަރުވަންދެން މަސައްކަތް ކުރީމަ ކޮންމެ ދުވަހަކު އަހަރެމެން ދެމީހުން ބައްދަލުވާނެ،" ބާސެލޯނާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މޮރީނިއޯ މަސައްކަތް ކުރިއިރު އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ގާޑިއޯލާ ހޭދަ ކުރި ދުވަސްތަކުގެ މަތިން، މޮރީނިއޯ ހަނދާން އާ ކުރި އެވެ. "އަހަރެމެން ހޯދި ކާމިޔާބާއި އަހަރެމެން ހޯދި ތައްޓާއެކު އުފާފާޅު ކުރީ އެކުގައި. މުހިންމު މުބާރާތެއް ގެއްލިގެން ދިޔައީމަ އަހަރެމެން ނުއެއް ރޮން، ނަމަވެސް އެ ހިއްދަތިކަން އަހަރެމެން ހިއްސާ ކުރީ އެކުއެކީގައި. އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި އަހަރެން ޒުވާން އެސިސްޓެންޓެއްގެ ގޮތުގައި ހޭދަ ކުރި ވަގުތުތަކަކީ އަހަރެމެން ހަޔާތުގައި ވަރަށް މުހިންމު ވަގުތުތަކެއް."
އިނގިރޭސި ކޯޗް ބޮބީ ރޮބްސަންގެ އެސިސްންޓެއްގެ ގޮތުގައި މަސައްކަތް ކުރި، މޮރީނިއޯ ބާސެލޯނާގައި މަސައްކަތް ކުރި އިރު، ރޮބްސަން އިނގިރޭސި ބަހުން ކިޔައިދޭ ޓެކްޓިކްސް އާއި މެޗުގެ ޕްލޭން ސްޕެއިން ބަހުން ކުޅުންތެރިންނަށް ތަރުޖަމަ ކޮށްދެނީ މޮރީނިއޯ އެވެ. ފަހުން ކޯޗެއްގެ ގޮތުގައި މޮރީނިއޯ ވިދާލުމުގައި ރޮބްސަން އާއެކު ދަސްވި ފިލާވަޅުތައް މުހިންމު ބަޔަކަށް ވިއެވެ.
ކޯޗެއްގެ ގޮތުގައި، ޕްޕް ގާޑިއޯލާ އާއި މޮރީނިއޯގެ ވާދަވެރިކަން އުފެދިގެން ދިޔައީ ރެއާލް މެޑްރިޑްގައި މޮރީނިއޯ މަސައްކަތް ކުރި އިރު އެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދު އުފެދިފައި އޮތް ވާދަވެރިކަން މޮރީނިއޯ އާއި ގާޑިއޯލާ ދެމެދުވެސް މީޑީއާއިން އުފެއްދި އެވެ. ބާސާ އާއި ރެއާލް 2011 ގައި ކުޅުނު މެޗުގައި، ގާޑިއޯލާގެ އޭރުގެ އެސިސްޓެންޓް ކޯޗް ޓިޓޯ ވިލަނޮވާ އާއި ހިނގި ކުރިމަތިލުމެއްގައި މޮރީނިއޯ، ވިލޮނޮވާގެ ލޮލަށް އިނގިލި ކޮށްޕާލި މަންޒަރު ޓީވީގެ ކެމެރާއަށް އެރި އެވެ.
އެހެންނަމަވެސް މޮރީނިއޯ ބުނީ މެޗުގައި ހިނގާ އެއްވެސް ކަމެއް އޭނާ ނުއްބާއްވާ ކަމަށެވެ. މެޗަށް ފަހު އެކަންވެސް ނިމިގެންދަނީ އެވެ. ދަނޑުގެ ބޭރުން މޮރީނިއޯ އާއި ގާޑިއޯލާ އަކީވެސް އެކުވެރިންނެވެ. އެކަން އެނގިގެން ދަނީ ދެ ކޯޗުންގެ ވެސް ގާތް މީހުން މަރުވުމުން، ދެ މީހުންގެ ފަރާތުން ފޮނުވާ ތައުޒީއާގެ މެސެޖުތަކުންނެވެ.
"އަހަރެމެން ދިރިއުޅުމުގައި ހުންނާނެ ހަނދާން ނައްތާ ނުލެވޭނެ ކަންކަން. އޭގެ ތެރެއިން އެއް ކަމަކީ އަހަރެންގެ ބައްޕަ [2017 ގައި] މަރުވިއިރު، އޭނާ [ގާޑިއޯލާ] އަށް އެނގޭނެ އަހަރެންގެ ބައްޕައަކީ އަހަންނަށް ކިހާ މުހިންމު މީހެއްކަން،" މޮރީނިއޯ ކިޔައި ދިނެވެ.
"މިއަދު [އިއްޔެ] އަކީ އަހަރެން ބައްޕަ އަށް 83 އަހަރު ފުރޭނެ ދުވަސް. އޭނާ [ގާޑިއޯލާ] މަންމަ [މިދިޔަ އަހަރު އޭޕްރީލް] ގައި މަރުވި އިރު އަހަރެންގެ ފަރާތުންވެސް އެ މެސެޖް ރައްދު ކުރިން."
"އަހަރެމެންގެ ތެރޭގައި ހުންނާނެ އެހެން މީހުންނަށް ނުފެންނަ ކަންކަން. އެކަންކަމަކީ އަހަރެމެން އެހެން މީހުންނަށް ކިޔައިދޭ ކަންތައްތަކެއް ނޫން، ސަބަބަކީ އަަހަރެމެންނަކަށް ނުވެސް ލިބޭ އެކަހަލަ ފުރުސަތެއް އެކަންކަން ހިއްސާ ކުރާކަށް. މިވަގުތު މިކިޔައި ދެނީ އެ ފުރުސަތު ލިބުނީމަ. އަހަރެމެން ދެ މީހުން އެކުގައި މަސައްކަތް ކުރި އިރު އަހަންނަށް އޭނާ އާއެކު ހިއްސާ ކުރެވިފައި ވަނީ ރަނގަޅު ހަނދާންތަކެއް."