މެންޗެސްޓާ ސިޓީ

ނަސީބަކުން އަހަރެމެންގެ މެދުގައިއޮތީ ރަނގަޅު ގުޅުމެއް: ގާޑިއޯލާ

މެންޗެސްޓާ: (ނޮވެމްބަރު 10) - ވާދަވެރި މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯޒޭ މޮރީނިއޯއާ އޮންނަ ގުޅުން ގޯސް ނޫން ކަމަށާއި، އެކަމާ ގުޅިގެން މީޑިއާއިން ކިޔައިދޭ ވާހަކަތައް ގޯސް ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ބުނީ، ވާދަވެރި ކަމުގެ ތެރެއިންވެސް އޭނާ އާ މޮރީނިއޯއާ ދެމެދު އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށެވެ.

"ނަސީބަކުން އަހަރެމެންގެ ދެ މެދުގައި އޮންނަނީ ރަނގަޅު ގުޅުމެއް، މެޗު ނިމިގެންދާއިރު އަހަރެމެންގެ ގުޅުން އޮންނާނީ ވަރަށް ރަނގަޅަށް."

މޮރީނިއޯ އާއި ގާޑިއޯލާގެ ވާދަވެރި ކަމުގެ ވާހަކަ ފެށިގެން އަންނަނީ، މާ ކުރިންނެވެ. ސްޕެނިޝް ލީގްގައި އެންމެ ވާދވެރި ދެ ކުލަބަށް ދެ ކޯޗުން ކޯޗު ކޮށްދިނުމުގެވެސް މާ ކުރިން ކޮންމެވެސް ވަރެއްގެ ވާދަވެރި ކަމެއް އުފެދިފައި އޮވެ އެވެ. ބާސެލޯނާގެ ކުރީގެ ކޯޗް ފްރޭންކު ރައިކާޑް އެޓީމު ދޫކޮށްލަން ތައްޔާރުވާ ކަމަށް އިއުލާން ކުރި ހިސާބުން، އޭނާގެ ރިޕްލޭސްމެންޓެއް ހޯދަން ބާސާއިން މަސައްކަތް ފެށި އެވެ.

ބާސާގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ބޯޑުން ނޮމިނޭޓް ކުރީ، މޮރީނިއޯ އާއި ގާޑިއޯލާގެ ނަމެވެ. ކޮންމެވެސް އެކަކަށް ބާސާގެ ވަޒީފާ ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ. އޭރު މޮރީނިއޯ ކޯޗު ކޮށްދެމުން ގެންދިޔައީ ޗެލްސީގަ އެވެ. ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން އޭރު އޮތީ ހަމަވާން ކައިރިވެފަ އެވެ. ގާޑިއޯލާ ކޯޗުކޮށްދެމުން ގެންދިޔައީ، ބާސާގެ ބީ ޓީމު 'ލަމާސިއާ' އަށެވެ. ގާޑިއޯލާގެ ކިބައިގައި ސީނިއާ ލެވަލުގައި ކޯޗު ކޮށްދިނުމުގެ ތަޖުރިބާ ނެތުމުން ބާސާގެ ބޯޑުގެ ބައެއް މެންބަރުން ވަކާޅަތު ކުރީ މޮރީނިއޯއަށް ކޯޗުކަން ދިނުމަށެވެ. ނަމަވެސް ބާސާގެ އޭރުގެ ރައީސް ހުއާން ލަޕޯޓާ ނިންމީ ގާޑިއޯލާއަށް ދިނުމަށެވެ.

އެ އަހަރު ގާޑިއޯލާ، ބާސާގެ ސީނިއާ ޓީމާ ހަވާލުވި އެވެ. މޮރީނިއޯ ބަދަލުވީ އިންޓަ މިލާން އަށެވެ. ބާސާ އާއި ރެއާލް މެޑްރިޑްގެ ވާދަވެރި ކަމުގެ ތެރެއިން ގާޑިއޯލާ އާއި މޮރީނިއޯގެ ވާދަވެރިކަން ފެށުނީ 2010 ވަނަ އަހަރު އެވެ. މިހާރު އެ ވާދަވެރިކަން މިއޮތީ މެންޗެސްޓާގެ ދެ ކުލަބުގެ ތެރެއިންނެވެ.

ޕްރިމިއާ ލީގްގައި، މާދަމާ ކުޅޭ މެންޗެސްޓާ ޑާބީގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެ މެޗުގައި ވަކި ހާއްސަ ކަމެއް ނެތް ކަމަށާއި މޮޅުވިޔަސް ބަލިވިޔަސް އިތުރު ފައިދާއެއް ނުވާނެ ކަމަށެވެ.

"މިއީ ސަޕޯޓަރުންނަށް ވަރަށް ހާއްސަ މެޗެއް، ސަބަބަކީ އެއްބަޔަކު އަނެއްބައެއްގެ ވާދަވެރި މެޗުން މޮޅުވެވުނީމަ، ދެ ފަރާތުގެ ސަޕޯޓަރުންނަށްވެސް ހާއްސަ ވާނެ، ސަޕޯޓަރުން ބޭނުންވާނެ ވާދަވެރި ތީމު ބަލަި ކުރެވޭތޯ ބަލަން،" ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "މިއީ އަދި ނޮވެމްބަރު މި މެޗުން މޮޅުވެގެން ލީގްގެ ރޭހަށް މާބޮޑު އަސަރެއް ނުކުރާނެ، އެހެންނަމަވެސް އޯލްޑް ޓްރަފާޑުގައި ކުޅޭ ވަރަށް މުހިންމު ވާނެ."

ސީޒަންގެ ފުރަތަމަ މެންޗެސްޓާ ޑާބީ އޮތީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގަ އެވެ. މެޗު ފަށާނީ ރާއްޖޭގަޑިން މާދަމާ ރޭ 9:30ގައެވެ.