ބޭރު ކުޅިވަރު

ފަހު ވަގުތު ޖެހި ލަނޑާއެކު މޮރީނިއޯއަށް ހިތްދަތިކަން

Oct 21, 2018

ސްޓެމްފަޑް ބްރިޖު (އޮކްޓޯބަރު 21) - ޗެލްސީ އާއި ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި، އެންމެ ފަހު މިނެޓުގައި އިނގިރޭސި ވިލާތުގެ ރޮސް ބާކުލީ ޖެހި ލަނޑާއެކު، ޗެލްސީގެ ކުރީގެ ކޯޗު ޖޯޒޭ މޮރީނިއޯއަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ކޯނަރަކުން އެންޓޯނިއޯ ރުޑިގާ ޖެހި ލަނޑާއެކު ފުރަތަމަ ހާފުގައި ޗެލްސީން ލީޑު ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއަލްގެ ދެ ލަނޑާއެކު، ޔުނައިޓެޑުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައިވަނިކޮށް، މެޗުގެ އެންމެ ފަހު މިނެޓުގައި ބާކުލީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި އެވެ.

ލަނޑު ޖެހި ވަގުތު، ޗެލްސީގެ އެސިސްޓެންޓް ކޯޗެއް، މޮރިނިއޯގެ ކުރި މައްޗަށް އަރައި އުފާފާޅު ކުރުމާއެކު، އެކަމާއި މޮރީނިއޯ ރުޅިގަދަވެ، ބެންޗު ކައިރީގައި ހަމަނުޖެހުންތަކެއް ހިނގާފައި އެވެ.

މެޗަށް ފަހު ޗެލްސީގެ އެސިސްޓެންޓް ކޯޗު މައާފަށް އެދުނުކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. އަދި އެސިސްޓެންޓް ކޯޗާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޗެލްސީގެ ކޯޗު މަރީސިއޯ ސާރީ ވެސް ވަނީ ބުނެފައި އެވެ.

ޗެލްސީ މެޗުން އެއްވަރުވުމުގެ ފައިދާ، ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވަނީ ފުރިހަމައަށް ނަގާފައި އެވެ. އަމިއްލަ ދަނޑުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު 0-5 އިން ކާމިޔާބު ކުރި އިރު، ޔާގަން ކްލޮޕްގެ ލިވަޕޫލުން ވެސް ވަނީ، މުހައްމަދު ސަލާހްގެ ލަނޑާއެކު، ހަޑަސްފީލްޑް ޓައުންގެ 0-1 އިން ނަތީޖާ އިން ކުރި ހޯދާފައި އެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް އާއި ސިޓީ ޕޮއިންޓުގެ ގޮތުން އެއްވަރު ނަމަވެސް، ގޯލުގެ ތަފާތުން ތާވަލުގެ ކުރީގައި އޮތީ، މިދިޔަ ސީޒަނުގައި ވެސް ޗެމްޕިއަންކަން ހޯދި ޕެޕް ގާޑިއޯލާގެ ސިޓީ އެވެ.