ހޯސޭ މޮރީނިއޯ

އާސެނަލްގެ ކޯޗަކާއެކު ބޭލް މަސައްކަތްކުރަން މޮރީނިއޯ ދެކޮޅު

ވޭލްސްގެ ގައުމީ ޓީމުގައި، އާސެނަލްގެ ކޯޗަކާއެކު ގެރެތު ބޭލް މަސައްކަތް ކުރަން، ހިތްހަމަ ނުޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

އިންޓަނޭޝަނަލް ބުރޭކާ ކުރިމަތިލާއިރު ވޭލްސްގެ ގައުމީ ޓީމަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ހެޑް ކޯޗް ރަޔަން ގިގްސްއަށް ކުރެވުނު ޖިނާއީ ތުހުމަތާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރުމުން ގައުމީ ޓީމުގެ މަސައްކަތުން ގިގްސް ވަނީ ބާކީ ވެފަ އެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކުގައި ގައުމީ ޓީމު ލިޑް ކުރާނީ އެސިސްޓެންޓް ކޯޗުން ކަމަށް ވާނާ ރޮބަޓް ޕޭޖް އާއި އަލްބަޓް ސްޓޫއިވެންބާގް އެވެ. ސްޓްއިވެންބާގް އަކީ، ޓޮޓެންހަމްގެ ލޯކަލް ވާދަވެރި ކުލަބު އާސެނަލްގެ އެސިސްޓެންޓް ކޯޗްވެސް މެއެވެ.

"ހަގީގަތަކީ އޭގެ ތެރެއިން އެއް ކޯޗަކީ އާސެނަލްގެ ކޯޗެއް އަހަންނަށް އެކަން ފަސޭހައެއް ނޫން،" ސްޓްއިވެންބާގް އަށް ނިސްބަތްކޮށް މޮރީނިއޯ ވާހަކަ ދެއްކި އެވެ.

"ތެދަށް މި ބުނަނީ އަހަންނަށް އެކަން ފަސޭހަ އެއް ނުން. ގައުމީ ޓީމު މެޗުތަކުގައި ތިބޭ ކޯޗުންނަކީ ހާއްސަކޮށް ގައުމީ ޓީމަށް ތިބޭ ބަޔަކަށް ވާންވާނެ. އެއީ ކުލަބެއްގައި މަސައްކަތް ކުރާ ކޯޗަކަށް ވެގެން ނުވާނެ."

އޮކްޓޯބަރު މަހު އިންޓަނޭޝަނަލް ބުރޭކްގައި ވޭލްސްގެ ގައުމީ ޓީމުގައި ބައިވެރި ނުވެވުނު ބޭލް، ނޮވެމްބަރުގެ އިންޓަނޭޝަނަލް ބުރޭކްގައި ވަނީ ގައުމީ ޓީމަށް ނަގާފަ އެވެ. މިދިޔަ މަހު އޭނާ އަށް ގައުމީ ޓީމުގައި ބައިވެރި ނުވެވުނީި އަނިޔާގައި ހުރުމުގެ ސަބަބުންނެވެ. އޭނާއަށް އަނިޔާވީ ސެޕްޓެމްބަރު މަހު ބަލްގޭރިއާ އާ ދެކޮޅަށް ވޭލްސް ކުޅުނު މެޗުގަ އެވެ.

މޮރީނިއޯ ބުނީ ބޭލްގެ ފިޓްނަސް އާ މެދު ޓޮޓެންހަމްއިން ވަރަށް ބޮޑަށް ފަރުވާތެރިވާ ކަމަށެވެ. ހަމަ އެގޮތަށް ވޭލްސްގެ ޓީމުންވެސް އެކަމާ މެދު ފަރުވާތެރިވުން މުހިންމު ކަމަށް މޮރީނިއޯ ބުންޏެވެ.

"އޭނާއަކީ ކުރީގައިވެސް މިކަހަލަ އުނދަގޫ ދިމާވެފައިވާ ކުޅުންތެރިޔެއް،" މޮރީނިއޯ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އޭނާ ދަނީ އެކަމުން އަރައި ގަތުމަށް ވަރަށް މަސައްކަތް ކުރަމުން އަދި އަހަރެމެން ކުލަބު އެންމެންވެސް އޭނާ އާ މެދު ވަރަށް ފަރުވާތެރި ވަން. އަހަރެމެން ބޭނުމެއް ނޫން މިދިޔަ ދެ މަހުން ފެށިގެން އަހަރެމެން އެންމެން އޭނައާ އެކު ކުރަމުންދާ މަސައްކަތް ހަލާކުވެގެން ދާކަށް. އަހަރެމެން އޭނާ އާ މެދު ވިސްނާ ގޮތަށް ވޭލްސްގެ ގައުމީ ޓީމުންވެސް އޭނާ އާ މެދު ވިސްނާނަމަ އޭނާގެ ރިކަވަރީ ޕީރިއަޑް އެމީހުން މެނޭޖު ކުރާނެ."

މާދަމާ މޮރީނިއޯގެ ޓީމު ނުކުންނާނަނީ ވެސްޓްބްރޯމް އާ ދެކޮޅަށެވެ. ހުން ޖެހިގެން އެންމެ ފަހު މެޗުގައި ނުކުޅެވުނު ސާޖިއޯ ރެގީލޯންއަށް މާދަމާގެ މެޗުގައި ކުޅެވޭނެ ކަމަށް މޮރީނިއޯ އުންމީދު ކުރެ އެވެ.