ކުޅިވަރު

ޓީމުގެ މަސައްކަތްތަކުން ގިގްސް އެއްފަރާތް ވެއްޖެ

ކުރެވުނު ތުހުމަތުތަކާއެކު ފުލުހުން ހައްޔަރު ކުރި ވޭލްސްގެ ގައުމީ ޓީމުގެ ކޯޗް ރަޔާން ގިގްސް ގައުމީ ޓީމުގެ މަސައްކަތްތަކުން އެއްފަރާތް ވެއްޖެ އެވެ.

ފުލުހުން ގިގްސް ހައްޔަރު ކުރީ އޭނާގެ ލޯބިވެރިޔާ އާ ދެމެދު ހިނގި ކުރިމަތި ލުމެއްގައި ލޯބިވެރިޔާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގަ އެވެ. ގިގްސް ހައްޔަރު ކުރުމުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކްގައި ގައުމީ ޓީމާއެކު ގިގްސް މަސައްކަތެއް ނުކުރާނެ އެވެ.

ގިގްސް، 46 ވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތެއް ދޮގު ކޮށްފަ އެވެ. އޭނާގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާން ބުނީ ވޭލްސްގެ ވޯސްލީގައި ހުންނަ ގިގްސްގެ ގޭގައި ހިންގި ކަންތަކާ ބެހޭގޮތުން ފުލުހުންނަށް ގިގްސް އެއްބާރުލުން ދެމުންގެންދާ ކަމަށެވެ.

ވޭލްސްގެ އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދެފަރާތް އެއްބަސްވެ ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކްގައި ގައުމީ ޓީމާއެކު ގިގްސް މަސައްކަތް ނުކުރަން ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކްގައި ވެލްސް ނުކުންނާނީ، އެމެރިކާ، ރިޕްބްލިކް އޮފް އަޔަލޭންޑް އަދި ފިންލޭންޑާ ދެކޮޅަށެވެ. އެ މެޗުތަކުގައި ވޭލްސްގެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗް ރޮބަޓް ޕޭޖް އެވެ. އޭނާއަކީ ވަޓްފޯޑްގެ ކުރީގެ ކެޕްޓަނެވެ. ވޭލްސް 21 އަހަރުން ދަށުގެ ކޯޗުގެ މަގާމުގައި އޭނާ ހުއްޓައި ސީނިއާ ޓީމުގެ އެިސްޓެންޓް ކޯޗް ކަމަށް ޕްރަމޯޓް ކުރީ މިއަހަރު ބާއްވަން އޮތް ޔޫރޯއަށް ތައްޔާރު ވުމަށެވެ. ކޮވިޑް-19 އާ ގުޅިގެން މުބާރާތް ކުރިއަށް ނުގެންދެވިގެން އަންނަ އަހަރަށް ޔޫރޯ ވަނީ ފަސް ކޮށްފަ އެވެ.