ހޯސޭ މޮރީނިއޯ

ޔޫރޮޕާ ލީގްގެ ފޭވަރިޓަކީ ޔުނައިޓެޑް: މޮރީނިއޯ

ޔޫރޮޕާ ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި ފޭވަރިޓް ޓީމަކީ މިހާރު މެންޗެސްޓާ ޔުނައިޓެޑް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ގުރޫޕް އެޗް ގައި، ރެޑްބުލް ލައިޕްޒިގް އަތުން ބަލިވުމުން އެ މުބާރާތުން ކަޓައި ޔުނައިޓެޑް ވަނީ ޔޫރަޕްގެ ދެ ވަނަ ދަަރަޖައިގެ މުބާރާތް ޔޫރޮޕާ ލީގަށް ޑީމޯޓް ވެފަ އެވެ.

"ޗެމްޕިއަންސް ލީގުން (ޔޫރޮޕާ ލީގަށް] ވެއްޓޭ ޓީމުތައް އާންމު ގޮތެއްގައި ވަރުގަދަ ވާނެ އަދި ޔޫރޮޕާ ލީގްގެ ފެންވަރަށް ވުރެ އެ ޓީމުތަކުގެ ފެންވަރު މަތިވާނެ،" ޔުނައިޓެޑަށް ޔޫރޮޕާ ލީގްގެ ތަށި 2017 ގައި ހޯދައިދިން މޮރީނިއޯ ބުންޏެވެ. "ޔުނައިޓެޑަކީ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އެއް ޓީމު. އެ ޓީމު ހިމެނުނު ގުރޫޕަކީ ޕެރިސް [ޕީއެސްޖީ] އަދި ލައިޕްޒިގް އާއެކު ވަރަށް ވަރުގަދަ ގުރޫޕެއް. އަހަރެމެންނަށް އެނގޭ އެ ގުރޫޕްގެ އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެކަން."

ޔޫރޮޕާ ލީގްގެ ގުރޫޕް ޖޭ ގައި މިރޭ ސްޕާސް ނުކުންނާނީ، ގުރޫޕް އެއް ވަނައިގައި އޮތް ބެލްޖިއަމްގެ އަންޓްވާޕް އާ ދެކޮޅަށެވެ. ސްޕާސް އޮތީ ދެ ޕއޮިންޓް ފަހަތުން ގުރޫޕްގެ ދެ ވަނައިގަ އެވެ.