ކުޅިވަރު

އެފްއޭ ކަޕްގައި ރެޑިން ބަލިކޮށް ޔުނައިޓެޑް އަނެއް ބުރަށް

އިނގިރޭސި އެފްއޭ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި 1-3 އިން ރެޑިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރެޑިންއާ ދެކޮޅަށް ކުޅުނު މެޗަށް ކޯޗު އެރިކް ޓެން ހާގް ނެރުނީ ވަރުގަދަ ޓީމެކެވެ. އެކަމަކު ފުރަތަމަ ހާފުގައި ރެޑިން އިން ވަނީ ޔުނައިޓެޑް ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ތިން ގޯލު ޖަހައިފަ އެވެ.

ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޑިފެންސިވް މިޑްފީލްޑަރު، ކަސެމީރޯ އެވެ. ކަސެމީރޯ ފުރަތަމަ ގޯލު ޖެހީ އެންޓޮނީ ދިން ޕާހަކުން 54 ވަނަ މިނެޓުގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ފްރެޑް ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް ވައްދާލައިގެން ކަސެމީރޯ މެޗުގެ ދެވަނަ ގޯލު ޖެހި އެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލު 66 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ނަގަދިން ހުރަހަކުން ޖެހީ ފްރެޑް އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ކަސެމީރޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެޑިންގެ ފޯވާޑް އެންޑީ ކެރޯލް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ރެޑިން އިން ވަނީ 72 ވަނަ މިނެޓުގައި ގޯލެއް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އަމަދޫ ބެންގޫ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފްކޮށްފަ އެވެ.

"ކަސެމީރޯގެ ތަޖުރިބާއާ އެކު މި ޓީމަށް އެއީ ވަރަށް މުހިއްމު ކުޅުންތެރިއެއް. ތަޖުރިބާގެ އިތުރުން ކަސެމީރޯ އަކީ ވިސްނުންތޫނު ކުޅުންތެރިއެއް. މި ޓީމުގެ ކުރިއެރުމަށް ކަސެމީރޯ އަކީ އެންމެ ބޭނުންތެރި އެއް ކުޅުންތެރިޔާ" މެޗަށް ފަހު ޓެން ހާގް ބުންޏެވެ.

އެފްއޭ ކަޕްގެ އެހެން ނަތީޖާތަކަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި ޕްރެސްޓަން ނޯތު އެންޑް ބަލިކޮށްފަ އެވެ. މެޗުގައި ސޮން ހެއުން މިން ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ ދާދިފަހުން ވިޔަރެއާލްގެ ލޯނު އުސޫލުން ޓޮޓެންހަމަށް ބަދަލުވި އާނައުޓް ޔަންޔުމާ އެވެ.

ޕްރިމިއާ ލީގު ކްލަބްތަކުގެ ތެރެއިން ލެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑް އަދި ސައުތެމްޓަން ވަނީ އަނެއް ބުރުން ފުރުސަތު ހޯދާފަ އެވެ. ފުލަމް އިން އަމިއްލަ ދަނޑުގައި ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އެފްއޭ ކަޕްގައި މިރޭ ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗަކީ ބްރައިޓަން އިން ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ މެޗެވެ. އެ މެޗު ފަށާނީ މިއަދު 6:30 ގަ އެވެ.