ހަބަރު

އެމްއާރުއެމް ރަޖިސްޓްރީ ކޮށްދޭން ނިންމައިފި

Nov 20, 2019
1

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެމްއާރުއެމް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ، މި މަހުގެ އަށް ވަނަ ދުވަހު މާލޭގައި ވަނީ ބާއްވައިފަ އެވެ. އެމްއާރުއެމްއިން ޖަލްސާ ބޭއްވީ ގާނޫނީ އަދަދު ހަމަނުކޮށް ކަމަށް ތުހުމަތުކުރި ނަމަވެސް، އީސީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން ނިންމާފައިވާކަމަށާއި، ރަޖިސްޓްރީ ކޮށްދިން ކަމުގެ ސެޓްފިކެޓް ހަވާލުކުރުން އަންނަ ހޯމަ ދުވަހަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެރޭ ބޭއްވި ޖަލްސާގައި އެމްއާރުއެމް ގެ ވަގުތީ ރައީސް އަކަށް ރައީސް މައުމޫން ވަނީ އިންތިހާބު ކޮށްފަ އެވެ.

އޭގެ އިތުރުން، އެމްއާރުއެމް އުފެއްދުމުގެ ގޮތުން އެ ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕް އިންތިހާބުކޮށް، ޕާޓީ ހިންގާނެ އަސާސީ ގަވާއިދު ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ ދިވެހި ނަމެއްގެ ގޮތުގައި "ދިވެހިންގެ އިސްލާހީ ހަރަކާތް" ކިޔަން ވަނީ ފާސްކޮށްފަ އެވެ.

ވަގުތީ ގޮތުން ޕާޓީ ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީ ކައުންސިލަށް 20 މެންބަރުން އިންތިހާބު ކުރި އެވެ. އެއީ ފިރިހެން 10 މެންބަރުންނާއި އަންހެން 10 މެންބަރުންނެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް މައުމޫން ނިންމެވީ، ޕީޕީއެމްގެ ހިންގުން ހޯދުމުގެ ކޯޅުން މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުންނެވެ. އެންމެ ފަހުން ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ކޮންގްރަސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.