އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރެއްގެ މަތިން ހޯދާފައިވާ އައިވަރީކޯސްޓްގެ ޔާޔާ ޓޯރޭ އެފްއޭއެމްގެ ދައުވަތަކަށް މިއަދު ރާއްޖެ އަންނާނެ އެވެ.
މެންޗެސްޓާ ސިޓީއަށް ކުރިން ކުޅުނު ޓޯރޭ ރާއްޖެ އަންނަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރަށް ތިން އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކުގައި ބައިވެރި ވުމަށެވެ.
ނޮވެމްބަރު 2016 ގައި އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމްގެ ދައުރަށް މިއަދު ތިން އަހަރު ފުރުނީ އެވެ. އޭނާގެ ދައުރު އަންނަ އަހަރުގެ ނޮވްމެބަރު 20 ށް ހަމަވާނެ އެވެ. ބައްސާމްގެ ދައުރަށް ތިން އަހަރު ފުރުމާ ގުޅިގެން 600 ކުދިން ބައިވެރިވާ ފުޓްބޯޅަ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ބާސެލޯނާ އަށް ވެސް ކުޅުނު އެޓޭކިން މިޑްފީލްޑަރު މިހާރު ކުޅެމުން ދަނީ ޗައިނާގެ ދެ ވަނަ ޑިވިޝަންގެ ކުލަބު ޗިންޑާއޯ ހުއާންހައި އެފްސީ އަށެވެ.
އެފްއޭއެމުން އާންމު ކޮށްފައިވާ ވީޑިއޯގައި ޔާޔާ ޓޯރޭ ބުނީ އެފްއޭއެމްގެ ރައީސް ބައްސާމް އިސް ނެގުމުގެ މަތިން ހިންގާ ފުޓްބޯޅައިގެ ޕްރޮޖެކްޓްގައި ބައިވެރިވާން ރާއްޖެ އައުމަކީ އުފާވާ ކަމެއް ކަމަށެވެ.
ޔާޔާ ޓޯރޭ ބައިވެރިވާ، ފުޓްބޯޅައިގެ އިވެންޓް އޮންނާނީ މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.