މުހައްމަދު ނާޒިމް

އުޅަނދުތައް ފުންކުރަން ވަކި އިދާރާ ގާއިމުކުރަން ގޮވާލާ ގަރާރެއް

އުޅަނދުތައް ފުންކުރަން ވަކި އިދާރާ ގާއިމުކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

މިއީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށައެޅުއްވި ގަރާރެކެވެ.

ގަރާރު ހުށައަޅުއްވަމުން ނާޒިމް ވިދާޅުވީ މަސްދޯނިފަހަރާއި، މީހުންނާއި މުދާ އުފުލާ އުޅަނދު ފަހަރާއި، ފަތުރުވެރިން އުފުލާ އުޅަނދު ފަހަރާއި، ބޭރުދަތުރުކުރާ އުޅަނދު ފަހަރު، ފަރަށް އެރުމަކީ، ކަނޑުދަތުރުގެ މައްޗަށް ބޮޑުކޮށް ބަރޯސާކުރާ ދިވެހިރާއްޖޭގައި އާންމުކޮށް ދިމާވާ ކަމެއް ކަމަށާ މިފަދަ ހާދިސާއެއް ދިމާވުމުން، އެއުޅަނދެއްގެ ވެރިފަރާތަށް، އެތައް ބުރައެއް އުފުލަންޖެހޭ ކަމަށެވެ.

"އެއްކަމަކީ، ފުންކޮށްދޭނެ ފަރާތެއް ވޭތޯ ބެލުން. ދެވަނަ ކަމަކީ، އެ ހާދިސާގައި ތާށިވެފައިވާ އުޅަނދު ފުންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދައި، އެކަންކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތް އެއްތަން ކޮށްދިނުން. ތިންވަނަަކަމަކީ، މިދެންނެވި ތަކެތި ހޯދުމަށާއި، އެކަންކޮށްދޭ މީހުންނަށް ވަގުތުން އަގުއަދާކުރުން. ހަތަރުވަނަކަމަކީ، އެއުޅަނދު ފަރަށްއެރުމުން ދިމާވި ގެއްލުމުގެ ޝިކާރައަކަށްވެ، އެހާތަނަށް ލިބެމުންއައި އާމްދަނީ ހުއްޓުމަކަށްއައިސް، އެއާމްދަނީ ނެތިދިޔުން. އަދި، އެއާމްދާނީގެ މައްޗަށް ބިނާވެފައިވާ އެތައް އާއިލާއެއް ގެ ދިރިއުޅުމާއި، އެ އާމްދަނީއަށް ބަރޯސާވެ ކުރަމުންއައި އެންމެހައި ކަމަކަށް ކުއްލި ނިމުމަކަށްއައުން." ގަރާރު ހުށައަޅުއްވަމުން ނާޒިމް ވިދާޅުވިއެވެ.

"ފަރަށްއަރައި އުޅަނދެއް ހަލާކުވުމުން، އެ ހަލާކުވެދަނީ، ހަމައެކަނި އުޅަނދެއް ނޫން. އެ އުޅަނދުގެ މައްޗަށް ބިނާވެފައިވާ އެތައް ދިރުއުޅުން. އެތައް ބައެއްގެ އާމްދަނީގެ ވަސީލަތް. އެ އުޅަނދުބިނާކުރެވެނީވެސް، އެތައް ދުވަހެއްގެ މަސައްކަތުން. އަދި، އެހަލާކުވުމުން، އަނެއްކާވެސް ސުމަކުން ފަށަންޖެހެ. އެއީ، އުޅަނދުފުންކުރުމާއި، ފަރަށް އެރުމުން ދިމާވި ގެެއްލުމުގެ ހުރިހާ ޚަރަދެއްގައި ހިފުމުގެ އިތުރުން. އަދި، ފަރަށްއެރުުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއްލިބިއްޖެނަމަ، އެކަން އަދި، އެއީ އިތުރު ޒިންމާއެއް އުފުލަންޖެހޭ ކަމެއް."

އުޅަނދެއްފަރަށްއެރުމުން، އެ އުޅަނދު ފުންކޮށްދޭނެ ފަރާތެއް ނުވެގެން، ފުންނުކުރެވި، ފުން ކުރެވޭނެގޮތެއްނެތި، އެ އުޅަނދު އޮންނަންޖެހުމުން، ބޮޑެތި ގެއްލުންތައް ލިބޭއިރު އިންޝުއަރަންސް އޮތަސް، ކަމެއްދިމާވާފަަހަރު އަބަދުވެސް، ކޮންމެވެސް ސަބަބެއް ނުވަތަ އުނިކަމެއް ދައްކާފައި، އިންޝުއަރަންސުން ފައިސާލިބުން އޮންނަނީ، ނާދިރު ކަމަކަށް ވެފައި ކަމަށް ނާޒިމްގެ ގަރާރުގައި ވިދާޅުވިއެވެ.

"އިންޝުއަރަންސް ނެތްނަމަ، އަދި މާ ގޯސް. އެއްވެސް ޒަމާނަކުން އެއްވެސް ބަދަލެއް ލިބިދާނެކަމުގެ އުންމީދެއްވެސް ކުރުމުގެ ފުރުސަތެއްވެސް ނޯވެ."

ނާޒިމް ވިދާޅުވީ ވޭތުވެދިޔަ 12 މަސްދުވަހު ރާއްޖޭގެ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކަށް ބަލައިލިނަމަވެސް، 10 ވަރަކަށް އުޅަނދަަށް މި ކަންދިމާވެއްޖެ ކަމަށާ އުޅަނދެއްފަރަށް އަރައި ގެއްލުންވުމަކީ، ކޮންމެ މީހަކަށްވެސް ދިމާވެދާނެ ގެއްލުމަކަށްވާއިރު، އަދި، މިއީ، އެތައްބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަަމަކަށްވާއިރު، އެފަދަ ކަމަށް ތައްޔާރުވެތިބުމަކީ، މުހިންމު ކަމެއް ކަމަށެވެ.

އަދި ފަރަށް އަރާދޯންޏެއް ފުންކުރުމުގެ މަސައްކަތްކުރުމަކީ ރާއްޖޭގައި ޚަރަދުބޮޑު އަދި ކޮންމެ ކޮންމެ މީހަކަށް ކުރެވޭޒާތުގެ މަސައްކަތަކަށް ވެސްނުވުމުގެ އިތުރުން އެކަމުގައި ފުލުހުންގެ ތެރޭގައިވެސް ސިފައިންގެ ތެރޭގައިވެސް ފޯރުކޮށްދެވޭނެ މާބޮޑު އެހީތެރިކަމެއް ނޯންނާތީއާއި، އަދި، އެހުރިހާ ކަމެއް ކުރަންޖެެހެނީ އެ ހިތްދަތިދަނޑިވަޅުގައިވެސް އަމިއްލައަށް ކަމުގައިވިއިރު އެފަދަ ހާލަތެއްގައި އުޅަނދުފަހަރު ފުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމަލީގޮތުން ކުރުމަކީ، ދައުލަތުގެ އިދާރާއެއް މެދުވެރިވެގެން ނުވަތަ ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ނަމަވެސް ކުރެވޭނެކަމެއްގެ ގޮތުގައި އޮތުމަކީ، ބޭނުންތެރި ކަމެއްކަމަށެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ފަރަށް އަރާ އުޅަނދުފަހަރު، ފުންކުރުމުގެ އަމަލީ މަސައްކަތްތައް ކުރާނެ ދައުލަތުގެ އިދާރާއެއް ހަމަޖެހި، އެ އިދާރާއިން އެކަމުގެ އުސޫލުތަކާއި ނިޒާމުތައް ގާއިމުކުރުމުގެ ބޭނުންތެރިކަމާއި މުހިންމުކަން ގަބޫލުކޮށް، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، މި މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްކޮށް ދެއްވުންއެދި، ސަރުކާރަށް، ރައްޔިތުންގެ މަޖިލީހުން ގޮވާލަން." ނާޒިމްގެ ގަރާރުގައި ވެއެވެ.