ހަބަރު

ޝާންގެ ނަން ސަބް ކޮމިޓީ ރިޕޯޓުން އުނިކޮށްފި

Nov 21, 2019
6

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަން އިން ތައްޔާރު ކުރި ރިޕޯޓުގައި މި ސަރުކާރުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ، ހ. ހިކޯސްޓާ އަލީ ޝާން (ސަޓޯ) ގެ އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެފައިވީ ނަމަވެސް ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން އޭނާގެ ނަން އުނިކޮށް ރިޕޯޓު ފާސްކޮށްފި އެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް މަރާލި މައްސަލާގައި ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން ހ. ލޮބީ ހުސައިން ހުމާމް އަހުމަދުއާއެކު އަފްރާޝީމް ގެއަށް ގޮސް އޭނާގެ ހަށިކޮޅަށް ސީދާ ހަމަލާ ދިން މީހުންގެ ތެރޭގައި ޝާން ހިމެނެ އެވެ. އަދި އެ ހަމަލާ ރާވައި އެކަން ކުރި މީހުންގެ ތެރެއިން އެންމެ އިސް އެކަކީ ވެސް ޝާން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓު ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވާފައިވާ އިރު މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާ ކުރަން ފަށައިފަ އެވެ. އަދި އެ ކޮމިޓީން އެ މައްސަލަ ފޮނުވި ހަސަން ލަތީފް މުގައްރިރު ކަން ކުރައްވާ ސަބް ކޮމިޓީއަކަށެވެ.

އެ ކޮމިޓީން ތައްޔާރުކޮށް، ފާސް ކުރި ރިޕޯޓުގައި ޝާން ފިޔަވައި އެ މައްސަލާގައި ބައިވެރިވި ކަމަށް ކޮމިޝަން އިން ފާހަގަ ކުރި އެހެން ފަރާތްތަކުގެ ނަން ހިމެނެ އެވެ. އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ސަބް ކޮމިޓީ ރިޕޯޓަކީ ހަސަން ލަތީފް އަމިއްލަފުޅަށް ހެއްދެވި ރިޕޯޓެއް ކަމަށާއި އިދިކޮޅުގެ ބަހެއް ނުހިމަނާ ކަމަށެވެ. އަދި ގަސްތުގައި ބޭނުންވެގެން ޝާންގެ ނަން އުނިކޮށްފައިވާ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ޝާންގެ މައްޗަށް ކުރި އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ދައުވާގައި އެކަށީގެންވާ ހެކި ނެތިގެން މައްސަލަ ސާބިތު ނުވެ އޭނާ މިނިވަންވި އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުން އޭނާގެ ފައިގައި ޓެގު ވެސް އެޅުވި އެވެ. އެ މައްސަލާގައި އޭރު ސަރުކާރާ ކޯލިޝަން ހަދާފައިވާ އެމްޑީއޭ މެދުވެރިކޮށް ޝާންގެ ފައިން ޓެގު ނައްޓާލުމަށް ޕްރެޝަރު ކުރުމުން ޓެގު އެޅުވުމުގެ ބާރު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތުން އަތުލައި ކޮމިޓީއަކަށް އެ ބާރު ދިނެވެ.

މި ސަރުކާރު އައުމާއެކީ ވެސް ޝާންއަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓަޑް އިން ވަޒީފާ ހަމަޖެހުނެވެ. އެތަނުގައި އޭނާ ކުރެއްވީ ތިލަފުށީގެ ސުޕަވައިޒަރެއްގެ މަގާމެވެ. ނަމަވެސް އަފްރާޝީމްގެ މަރުގެ ރިޕޯޓު މުއައްސަސާތަކާށް ފޮނުވުމުން އޭނާ ސަސްޕެންޑު ކުރި އެވެ.