ރައްޔިތުންގެ މަޖިލިސް

241 ކޮމެޓީގެ ބަހުސުވީ ހޫނު ޒުވާބަކަށް

މިރޭ ކުރިޔަށްދާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުން ހޫނުވެ މެންބަރުންގެ މެދުގައި ވަރުގަދަ ޒުވާބެއް ކޮށްފި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަން އިން ތައްޔާރު ކުރި ރިޕޯޓާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ވަނީ ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ.

އެ ރިޕޯޓާއި ގުޅިގެން މިރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލްވުމުގައި މެންބަރުންގެ މެދުގައި ހޫނު ގަދަ ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެޓީ ބައްދަލްވުން ހޫނުވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، އާޒިމްގެ ވާހަކަތަކަށް ހުރަސްއެޅުއްވުމާއި ގުޅިގެންނެވެ. -- ޝިޔާމަކީ ކޮމެޓީގެ މެންބަރެއް ނޫނެވެ. ޝިޔާމް ކޮމެޓީއަށް ވަޑައިގެންނެވީ އެ ކޮމެޓީ ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށެވެ. --

ޝިޔާމް ވާހަކަފުޅު ދައްކަވަން ފެއްޓެވީ ކޮމެޓީ ބައްދަލްވުމުގައި އާޒިމް ދޮގު ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެވެ. އެއާއެކު އާޒިމާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ޝިޔާމަށް ރައްދު ދެއްވާ ވާހަކަ ދައްކަވާފަ އެވެ.

ކޮމެޓީގައި މެންބަރުންގެ މެދު ހޫނުވެ، ބަހުގެ ހަމަލާތައް ބަދަލު ކުރެވި މެންބަރުންގެ މެދުގައި އަރާރުންވުން ބޮޑުވުމުން ކޮމެޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ މެންބަރުން ހަމަޖެއްސޭތޯ ވެސް މަސައްކަތް ކުރައްވާފަ އެވެ.

ނަމަވެސް ދެ ފަރާތުން ގެންދެވީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުން ވަރުގަދއަށް ޒުވާބު ކުރަމުންނެވެ. އަދި ކޮމެޓީގެ ރިޕޯޓަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވޯޓް ދެއްވައިގެން ފާސް ކުރައްވާފައިވާ ރިޕޯޓެއް ކަމަށް އީވާ ތަކުރާރުކޮށް ވިދާޅުވުމުން އާދަމް ޝަރީފް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ކޮމެޓީ ބައްދަލްވުމުގައި ޝިޔާމްގެ އިތުުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، އާދަމް ޝަރީފް ވެސް ވަނީ އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވާ ވާހަކަދައްކަވާފަ އެވެ. އަދި އެމްޑީޕީގެ މެންބަރުން ވެސް ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުުރުން މެންބަރު އާދަމް ޝަރީފް، ޑިފެންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މެންބަރުންނާމެދު ކަންކަން ހިނގާ ދިޔަ ގޮތް އެމްޑީޕީގެ މެންބަރުން ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރާތާ އިރުތަކެއް ފަހުން ޝިޔާމް އަދި މުހައްމަދު ސައީދު ވަނީ ކޮމެޓީ ރޫމުން ނިކުމެވަޑައިގެންފަ އެވެ. އެ މެންބަރުން ކޮމެޓީން ނިކުމެވަޑައިގެންނެވީ 241 ކޮމެޓީ ކުރިއަށް ގެންދެވުމަށް އިދިިކޮޅަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރިޔާސަތާއި ހަވާލުވެ ވަޑައިގަތުމުންނެވެ.

އޭގެ ފަހުން ކޮމެޓީ ބައްދަލްވުން ކުރިއަށްދިޔައީ އޮމާންކޮށެވެ. އަދި ކޮމެޓީގެ ހުރިހާ މެންބަރުން ވަނީ ރިޕޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.