މަހިންދަ ރާޖަޕަކްސާ

ރައީސްގެ ތަހުނިޔާ މަހިންދައަށް

ސްރީލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އިސްކުރެއްވުމާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑު ވަޒީރު ރާޖަޕަކްސައަށް އިޚްލާސްތެރި ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާ ކަމަށް ވިދާޅުވިއެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާއެކު އެމަނިކުފާނުގެ މަސައްކަތުގައި ކުރިއެރުމާއި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ގައުމުގެ އިތުރުން އެންމެ ދުވަސްވީ އެކުވެރި އެއް ގައުމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުންތައް، އައު ބޮޑުވަޒީރުގެ ލީޑާޝިޕާއެކު ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއެކު ސަރަހައްދީ ކަންކަމާއި، ދެ ގައުމުން އިސްކަންދޭ ބައިނަލް އަގްވާމީ ކަންކަމުގައި ދެ ގައުމު ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަންވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރައްވާފައިވަނީ އިއްޔެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު މަހިންދަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވާފައިވާއިރު، ބޮޑު ވަޒީރުކަމަށް މަހިންދަ ވަޑައިގެންނެވުމާއެކު މިއީ ލަންކާގެ ތާރީހުގައި އެގައުމުގެ ވެރިކަމުގައި ދެބެއިން ތިއްބަވާ ފުރަތަމަ ފަހަރެވެ.

ގޮތަބަޔައަށް ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނުމުގެ ގޮތުން ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އާއްމު އިންތިހާބެއް ބޭއްވެންދެން ގޮތަބަޔަ ވަނީ 15 މެންބަރުން ހިމެނޭ ވަގުތީ ކެބިނެޓެއް އެކުލަވާލަން ނިންމަވައިފަ އެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިހާބެއް ބޭއްވޭނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ލަންކާގައި 26 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ކާމިޔާބުކުރިއިރު، އޭރު ރައީސް ކަމުގައި މަހިންދަ ހުންނެވިއިރު، ތަމަޅަ ޓައިގަރުން ބަލި ކުރުމުގައި އެމަނިކުފާނުގެ ޑިފެންސް ސެކްރެޓަރީ ކަމުގައި ހުންނެވި ގޮތަބަޔަ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ނަމަވެސް، ހަނގުރާމައިގެ ފަހު ދުވަސް ކޮޅު، ލަންކާ ސިފައިން އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިކަމުގެ ތުހުމަތުތައް ގޮތަބަޔައަށް ވެސް ވަނީ އަމާޒުވެފަ އެވެ.