އެމްޑީޕީ

އެމްޑީޕީގެ ލީޑަޝިޕް އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ

Nov 22, 2019
1

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިހާބުގައި ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓުލުން ފަށައިފި އެވެ. މި އިންތިހާބުގައި ވޯޓްލާން ފެށީ މިއަދު މެންދުރު 2:00 ޖެހި އިރު އެވެ.

ވޯޓު ލުން އިރު އޮއްސި 6:00 ޖަހަންދެން ކުރިއަށް ދާނެ އެވެ.

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގެ ވޯޓް ނެގުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އަދި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ އެމްޑީޕީގެ މެންބަރުންނާއި، މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލުމަށް ވޯޓްފޮށި ބަހައްޓާފައި ވެއެވެ.

އައްޑޫއާއި ފުވައްމުލަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލުމަށް ވޯޓްފޮށި ހުންނާނީ އެމްޑީޕީގެ މައި ހަރުގޭގަ އެވެ. އެެހެން ހުރިހާ ވޯޓް ފޮއްޓެއް އިސްކަންދަރު ސުކޫލް ހޯލުގަ އެވެ. ހުޅުމާލޭގައި ވޯޓްފޮށި ހުންނާނީ ގާޒީ ސުކޫލްގަ އެވެ. ވިލިމާލޭގައި އެމްޑީޕީގެ ހަރުގޭގަ އެވެ. ސްރީލަންކާގައި ވެސް މިފަހަރު ވޯޓް ފޮއްޓެއް ހުންނާނެ އެވެ.

މީގެ އިތުރުން ރަށްރަށުގައި ވޯޓް ފޮށި ބަހައްޓާފައި ހުންނާނީ އެ ރަށެއްގެ އެމްޑީޕީ ހަރުގޭގައެވެ. މި އިންތިޚާބުގައި 87،439 މެންބަރަކަށް ވޯޓް ލުމުގެ ހައްގު ލިބިފައި ވެއެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އަދި މެންބަރު މުހައްމަދު އަސްލަމެވެ.

ޝިފާޒާއި އަސްލަމް ވަނީ ނާއިބު ރައީސް ކަމަށް ވާދަވެރި ކެންޕޭނެއް ކުރައްވާފަ އެވެ.