ހަބަރު

ޑރ. އާދިލް ބިން އަލީ ރައީސް ޔާމީނާ ބައްދަލު ކުރައްވައިފި

Jan 4, 2015

މުސްލިމް ވޯލްޑް ލީގްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އާދިލް ބިން އަލީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި މުސްލިމް ވޯލްޑް ލީގްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، މުސްލިމް ވޯލްޑް ލީގްގެ ފަރާތުން އެކި ޤައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެޖަމްޢިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، އިސްލާމީ ތަޢުލީމާއި، ޤުރުއާނުގެ ޢިލްމާއި، ކީރިތި ރަސޫލާގެ ސީރަތުގެ ދާއިރާތަކުން މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، އެޖަމްޢިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާބެހޭގޮތުން ޢާދިލް ބިން ޢަލީ އޮޅުންފިލުއްވިއެވެ.