ފޯމު ގެއްލިފައިވާ ޓޮޓެންހަމް ހޮޓްސުޕާސްގެ މިޑްފީލްޑާ ޑެލީ އަލީ އަލުން އަނބުރައި ކުރީގެ ފޯމަށް ގެންނާނެ ކަމަށް ސްޕާސްގެ އާ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ޓޮޓެންހަމްގެ ކޯޗް ކަމުގައި ފަސް އަހަރު ހޭދަ ކުރި މައުރީޝިއޯ ޕޮޗެޓީނޯ އާއެކު މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުން އޭނާ ކޯޗް ކަމުން ވަކިކޮށް މޮރީނިއޯ އަށް ވަނީ ސްޕާސްގެ ކޯޗް ކަން މިދިޔަ ބުދަ ދުވަހު ހަވާލު ކޮށްފަ އެވެ.
އިންޓަނޭޝަނަލް ބުރޭކަށް ފަހު މިއަދު އަލުން ޕްރިމިއާ ލީގް ކުޅުން ފަށާއިރު މޮރީނިއޯގެ ފުރަތަމަ މެޗުގައި ސްޕާސް ނުކުންނާނީ ވެސްޓްހަމް ޔުނައިޓަޑާ ދެކޮޅަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޑެލީ އަލީ ގެ އަސްލު ކުޅުން ގެއްލިފައި ވުމުން އެކަމާ ބެހޭގޮތުން އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.
"އަހަރެން އޭނާ ގާތުގައި އެހީ ތީ ޑެލީ ހެއްޔޭ، ނުވަތަ ޑެލީގެ ބޭބެއެއް ނުވަތަ ކޮއްކޮއެއް ހެއްޔޭ،" އަބަދުވެސް މީޑިއާގައި ވާހަކަ ދައްކާއިރު ސަމާލުކަން ލިބޭ ގޮތަށް ވާހަކަ ދައްކާ މޮރީނިއޯ ބުންޏެވެ. "އޭނާ ބުނި ތިމަނަ މީ ޑެލީ އޭ، އަހަރެން ބުނިން އެހެންވީއިރު ޑެލީ ކުޅޭ ގޮތަށް ކުޅެން މަސައްކަތް ކުރާށޭ."
އަނިޔާ އާއި ދަށް ކުޅުމާއެކު ޑެލީއަށް ވަނީ އިނގިރޭސި ޓީމުން ވެސް ފުރުސަތު ގެއްލިފަ އެވެ. މޮރީނިއޯ ބުނީ އަލީ އަލުން ފޯމަށް ގެނައުމަށް އޭނާއަށް ހާއްސަކޮށް ޓެކްޓިކަލް ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށާއި އޭނާވެސް ހުރީ އެކަމާ ހިތްހަމަޖެހިފައި ކަމަށެވެ.