ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމް އޮކްޓޫބަރު ފަހު ކޮޅަށް ފަސްކޮށްފި

Aug 21, 2015

އަންނަ މަހު ޗައިނާގެ ބެއިޖިންގުގައި ބާއްވަން ކުރިން ނިންމާފައި އޮތް މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް) މި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅަށް ލަސްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޗައިނާގެ ޓިއަންޖިންގައި ހިނގި ކެމިކަލް ގުދަނެއް ގޮވުމުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުރިމަތިވި ދަތިތަކާ ހުރެ އިންވެސްޓްމަންޓް ފޯރަމް މިހާރު ބާއްވަން ނިންމާފައި ވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ. މީގެ ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 15 ދުވަހު ފޯރަމް ބާއްވާ ގޮތަށެވެ.

"އަޅުގަނޑުމެން ދެން ފޯރަމް އޮންނަ ސީދާ ތާރީހު އިއުލާން ކުރާނަން. އެއީ އޮކްޓޯބަރު މަހުގެ ފަހުގެ ތާރީހަކަށް ވާނީ،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ބާއްވަން އިންވެސްޓްމަންޓް ފޯރަމްގައި މި އަހަރު 800 ވިޔަފާރި ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އަދި 3،400 ފަރާތަކަށް އެ ފޯރަމްގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

އިންވެސްޓްމަންޓް ފޯރަމް ޗައިނާގައި ބާއްވާކަން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ޗައިނާގެ އެންމެ ބޮޑު 100 ކުންފުންޏާއި އެހެން ގައުމުތަކުގެ އިންވެސްޓަރުން ބައިވެރިވާނެ އެވެ. އަދި މިފަހަރުގެ ފޯރަމް ހާއްސަ ކުރާނީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ ދައިރާތައް ކަމަށްވާ ބޭންކިން އަދި މާލީ ދާއިރާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ހާއްސަ މަޝްރޫއުތަކަކަށް ވުރެ، އިންވެސްޓްމަންޓްތައް ބޭނުންވެފައި ހުރި ދާއިރާތައް ޕްރޮމޯޓް ކުރާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިންވެސްޓަރުންނަށް ހާއްސަ ޕެނަލް ޑިސްކަޝަންތަކެއް ވެސް މިފަހަރުގެ ފޯރަމްގައި އޮންނާނެ އެވެ.

"އެގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވަރަށް އެމްބިޝަސް ޕްލޭނެއް މި އޮތީ. އިކޮނޮމިކް އެކްޓިވިޓީސްތައް ކުރިއެރުވުމަށް. މި ދުވަސްތަކުގައި އިގްތިސާދީ ގޮތުން ކުރިއެރުންތައް ގެނައުމަށްޓަކައި ހުރި ޕްލޭންތައް ފުރިހަމަ ކުރުން. އެއަށް ފޯކަސް ދާނީ. އަދި މިދިޔަ ފަހަރަށް ވުރެ ބޮޑަށް އިންވެސްޓަރުންނާ އިންޓަރެކްޓިވްކޮށް ކުރިއަށް ގެންދިޔުން މީގެ ބޭނުމަކީ،" ސައީދު ވިދާޅުވި އެވެ