ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ކަމާ ހަވާލުވެ ހޯޒޭ މޮރީނިއޯ ކުރިމަތިލި ފުރަތަމަ މެޗުގައި ވެސްޓްހަމް ޔުނައިޓަޑު އަތުން 3-2 ން މޮޅު ވެއްޖެ އެވެ.
ވެސްޓްހަމްގެ ދަނޑުގައި ކުޅުނު އެ މެޗަކީ ޖެނުއަރީގެ ފަހުން އަވޭ މެޗަކުން ޓޮޓެންހަމް މޮޅުވި ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް ވަނީ ދެ ލަނޑު ޖަހާފަ އެވެ.
ފުރަތަމަ ލަނޑު ސަން ހިންގް މިން ކާމިޔާބު ކުރީ 36 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ ޑެލީ އަލީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ސަން ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ލޫކަސް މޯރާ އެވެ.
ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހެރީ ކޭން ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ގެނައި ބަދަލު ތަކުން ވެސްޓްހަމްގެ އިން ހަމަލާތައް ވަރުގަދަކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ދިޔަ އެވެ.
ވެސްޓްހަމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ކުޅެން އެރި މިޝޭލް އެންޓޯނިއޯ އެވެ. މެޗުގައި ތިން ލަނޑު ވެސްޓަހްމްއިން ކާމިޔާބު ކުރި ނަަމަވެސް އެ ޓީމުން ޖެހި ދެ ވަނަ ލަނޑު ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލަޖީން ގަބޫލެއް ނުކުރި އެވެ. އެއީ ކޯނަރަކުން ތަނަވަސްވި ބޯޅަ ރޮބަޓް ސްނޮގްޑްރާސް ފޮނުވާލިއިރު ވީއޭއާރުން ދެއްކީ އޭނާ އޮފް ސައިޑް މަޅީގައި ޖެހިފައި ހުރި ކަމަށެވެ. ވެސްޓަހްމައަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އަންޖެލޯ އޮގްބޮންނާ އެވެ.