ކުޅިވަރު

ފުލުގައި އޮތް ލެގަނޭޒް އަތުން ބާސާއަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލީގްގެ ތަވާލުގެ ފުލުގައި އޮތް ލެގަނޭޒް އަތުން، އެއް ވަނައިގައި އޮތް ބާސެލޯނާއިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ބާސާ މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. މެޗު ފެށިގެން 12 ވަނަ މިނެޓްގައި ލެގަނޭޒް އިން މެޗުގެ ލީޑް ނެގި އެވެ. ކުރީ ކޮޅުގައި ނެގި ލީޑާއެކު ލެގަނޭޒް ބޮޑު އިތުބާރެއް ހޯދައި ފުރަތަމަ ހާފުގައި އެ ނަތީޖާ ދެމެހެއްޓި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޔޫސުފް އެން ނަސީރީ އެވެ. އޭނާ ފޮނުވާލި ބޯޅަ ވައްދާލީ ހަނި އޭންގަލްގައި ހުރެފައި ގޯލްގެ ތިރީ ކަނަށެވެ.

ބާސާއިން މެޗުގެ ނަތިޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން 13 ވަނަ މިނެޓްގަ އެވެ. އެ ލަނޑަކީ ބާސާއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނަގައިދިނުމުން ލުއިސް ސުއަރޭޒް ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ. ލެގަނޭޒްގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން މެސީ ނަގައިދިނީ އޭރިއާގެ މެދުތެރެއަށެވެ. ސުއަރޭޒް ބޮލުން ފޮނުވާލިރު އޭނާ ހުރީ ހުސްކޮށެވެ.

ބާސާ މެޗުން މޮލޫކޮށްދިން ލަނޑު ކާމިޔާބު ކުރީ އަރުޓޫރޯ ވިޑާލް އެވެ. ކޯނަރަކުން ތަނަވަސްވި ބޯޅަ ވިޑާލް ފޮނުވާލިރު ލެގަނޭޒް ހުރީ ޑިފެންސަށްވުރެ ކުރީގަ އެވެ. އޭނާ އޮފްސައިޑް ކަމަށް ބުނެ ލެގަނޭޒްގެ ކުޅުންތެރިން މެޗު އެޕީލްވެސް ކުރި އެވެ. އެހެންނަވެސް ވީއޭއާރު ބޭލުމަށް ފަހު ރެފްރީ ނިންމީ ލަނޑެއް ކަމަށެވެ.