މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވުމަކީ ސަރުކާރު ކޯލިޝަނަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށް ވިދާޅުވެ އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.
ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް އުފެއްދުމަށް ކުރެވުނު މަސައްކަތުން މީގެ ތިން ދުވަސްކުރިން އެ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އަދި އެޕާޓީ އުފެއްދުމުގެ ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެންނެވުމަކީ އެމްއާރުއެމްގެ މެންބަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވުން މައުމޫން ސިފަ ކުރެއްވީ ސަރުކާރު ކޯލިޝަނަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމެއްގެ ގޮތުގަ އެވެ.
"އެމަނިކުފާނު މި ޖަލްސާއަށް ވަޑައިގެންނެވިކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާއަށް ވަޑައިގަތުމުން އަޅުގަނޑުމެންނަށް ފެނިގެން ދަނީ އަޅުގަނޑުމެން އެމްއާރުއެމާމެދު ބަހައްޓަވާ ގާތްކަން. އަދި ސަރުކާރު ކޯލިޝަނަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު. ހަމަ އެހެންމެ ރާއްޖޭގެ ދިމިގްރާތީ ނިޒާމް ހަރުދަނާ ކުރުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް ވެގެންދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށެވެ. އެގޮތުން އެމްއާރުއެމްގެ ކޮންމެ ހަރަކާތެއްގައި ދެ ޖިންސުގެ ހަމަހަމަ ކަންކަން ގާއިމު ކުރައްވާނެ ކަމަށާ އެޕާޓީގެ ކޮންމެ ގުނަވަނެއްގެ 25 ޕަސެންޓް ޒުވާނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ އެމްއާރުއެމް ވާނީ އެންމެން އެއްބައިވަންތަ ކުރާ ޕާޓީއަކަށް ކަމަށެވެ. އަދި ޕާޓީގެ މެންބަރުންނަށް އެމަނިކުފާނު ގޮވާލައްވަނީ ސިޔާސީ މައިދާނުގައި އުފެދިފައިވާ ހޫނުކަން މައިތިރިކޮށް، ތަރައްގީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އަބަދު ސިޔާސީ ޕާޓީތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ބަދަލު ކުރުމަކީ ނުރައްކަލެއް ކަމަށެވެ. އެހެންކަމުން އެ ނޫން ގޮތަކަށް ޕާޓީގެ ކަންތައްތައް ބައްޓަން ކުރަންޖެހޭ ކަމަށެވެ.