ވިޔަފާރި

ހައިޑަވޭ ބީޗް ރިސޯޓުގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަން ހާއްސަ ޕެކޭޖެއް

Aug 22, 2015

ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" ރިސޯޓުގައި އާއިލާ ގޮވައިގެން ގޮސް ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ދޮނަކުޅި އިންވެސްޓްމަންޓުން ތަރައްގީކޮށް ހިންގާ ފަސްތަރީގެ މި ރިސޯޓުން ތައާރަފުކުރި "ފެމެލީ ޕެކޭޖު" ގައި މޫދުކުޅިވަރުތަކާއި މި ނޫންވެސް ހާއްސަ ކަންތައްތައް ހިމަނާފައިވެ އެވެ. މި ޕެކޭޖުގެ އަގުތައް ފެށެނީ 870 ޑޮލަރުންނެވެ.

"ޓްރެވަލް ޑެއިލީ ޔޫކޭ" ނޫހުގައިވާ ގޮތުން މި ރިސޯޓުން އަންނަނީ ކުޑަކުދިން ކުޅެލުމަށް ހާއްސަ "ޕްލޭ ގްރައުންޑެއް" ތައްޔާރު ކުރަމުންނެވެ.

ދާދިފަހުން ބޮޑު ބަދަލެއް ގެނެސް އަލުން ހުޅުވާފައިވާ މި ލަގްޒަރީ ރިސޯޓުގައި އެކި ފެންވަރުގެ މަތީ ފަންތީގެ 103 ވިލާ ހުރެ އެވެ. މި ރިސޯޓަށް އަންނަ ޓޫރިސްޓުން މަޑުކޮށްލުމަށް އަށް ވައްތަރެއްގެ ކޮޓަރި ހަދާފައިވެ އެވެ. މީގެ ތެރޭގައި ބީޗް ފްރޮންޓަށް ވާގޮތަށް ހުންނަ ކޮޓަރިތަކާއި ބަގީޗާ އާއިއެކު ހަދާފައި ހުންނަ ފެމެލީވިލާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން މިހާރު މި ރިސޯޓުގައި 50 މޫދު ކޮޓަރި ވެސް ހުރެ އެވެ.