ކުޅިވަރު

ޗެލްސީ ބަލިކޮށް ސިޓީ އިތުބާރު ހޯދައިފި

ކްރިސްޓަލް ޕެލަސްގެ މައްޗަށް ވީއޭއާރުން ކަނޑައެޅި ނަތީޖާ އަށް ފަހު ލިވަޕޫލުން ރޭހުގައި ކުރިއަށް ދިޔައިރު ޗެލްސީ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލިވަޕޫލް ފަހަތުން ތާވަލުގެ ދެ ވަނައިގައި މެންޗެސްޓާ ސިޓީ ވެސް ވިއްދައިފި އެވެ.

ރޭ ޗެލްސީ ބަލިވުމުން، ޕްރިމިއާ ލީގްގައި އެ ޓީމު މެޗަކުން ބަލިވީ ސެޕްޓެމްބަރު މަހަށް ފަހު އެވެ. ލީގްގައި އެ ދެމެދު ކުޅުނު ހަ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންގޯލާން ކަންޓޭ އެވެ. އެ ލަނޑާއެކު ޗެލްސީއަށް ނަތީޖާ ހިފަހައްޓާ ލެވުނީ އަށް މިނެޓެއްހާއިރު އެވެ. މެޗުގެ 29 ވަނަ މިނެޓްގައި ކެވިން ޑި ބުރޭނޭ ވަނީ ސިޓީއަށް ލީޑް ނަގައިދީފަ އެވެ.

ސިޓީއަށް މެޗުގެ 37 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ ރިޔާދު މަހްރޭޒް އެވެ. ސިޓީއަށް މެޗުން މޮޅު ވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އިންޓަނޭޝަނަލް ބުރޭކުގެ ކުރިން ލީގްގައި ކުޅުނު މެޗުން ސިޓީ ބަލިވީ ވާދަވެރި ލިވަޕޫލް އަތުންނެވެ. އެ މެޗުން ބަލިވުމުން ސިޓީއަށް ތާވަލުގެ ދެ ވަނަ މަގާމު ވެސް ގެއްލުނެވެ.

ލީގްގައި މިއަހަރު މިހާތަނަށް ބަލި ނުވެ އޮތް ލިވަޕޫލް ރޭ ވެސް ވަނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް ލިވަޕޫލް މެޗުން މޮޅު ކޮށްދިނީ ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކުރި ލަނޑުންނެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕެލަސްއިން ޖޭމްސް ޓޮމްސްކިން ޖެހި ލަނޑު ވީއޭއާރުން ގަބޫލެއް ނުކުރި އެވެ. މެޗުގެ ފުރަތަމަ ލީޑް ނެގީ ލިވަޕޫލުންނެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ސެޑިއޯ މާނޭ އެވެ. ޕެލަސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ވިލްފްރެޑް ޒަހާ އެވެ. އޭނާ ލަނޑު ޖެހީ 82 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހު ރޮބާޓޯ ފިރުމީނޯ ވަނީ ލިވަ؛ޕޫލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ތާވަލުގެ ދެ ވަނައިގައި މިހާރު މަގާމު ދަމަހައްޓަމުން އަންނަނީ 2016 ގެ ޗެމްޕިއަން ލެސްޓާ ސިޓީ އެވެ. ވެސްޓްބްރޯމް އެލްބިއޯން އާ ދެކޮޅަށް ކުޅުނު މެޗު ލެސްޓާ ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އަޔޯޒޭ ޕެރޭޒް އަދި ޖެމީ ވާޑީ އެވެ.